ޚަބަރު

ކޯވިޑް-19: އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ މެދު މިއަދު ގޮތެއް ނިންމަނީ


ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއުލާން ކުރި ކޯވިޑް-19: އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 12 ވަނަ ދުވަހު އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަށް އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަށެވެ. އަދި މި މުއްދަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެއެވެ

ނޭޝަނަން އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް އަދި ނުކުރުމަށްވެސް ރެއާ ހަމައަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެ ކަމާ މެދު މަޝްވަރާ ކުރަމުންދާކަމަށެވެ.

ރާއްޖޭގެ ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރަން ސިއްހަތާ ބެހޭ ވަޒީރަށް ލަފާދެއްވާނީ ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާރު 30 އަށް ވުރެ ގިނަ ނިންމުންތަށް ވަނީ ނިންމާފައެވެ. މިގޮތުން މި ޤާނޫނުގެ ދަށުން ވަނީ ސަރުކާރު އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން ހުއްޓާލަން އަންގާފައެވެ. އަދި ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން މަނާ ކުރުމާއި މާލެ ސަރަހައްދުގައި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ޖިމްތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލަން އެންގުން ހިމެނެއެވެ. އަދި މާލެ ސަރަހައްދާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި ފިޔަވަޅުތަކުގެ އިތުރުން މިހާރު ވަނީ މާލެ ސަރަޙައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން ރޭގަނޑު 8 އަށް ބޭރަށް ނުކުތުންވެސް މަނާކޮށްފައެވެ.