ޚަބަރު

ކޯވިޑް-19 : ތިރިވަނަންތަޕޫރަމާއި ކޮޗިންގައި އުޅޭ ދިވެހި ޢާއިލާތަކަށް ކެއަރ ޕެކޭޖް ފޮނުވަން ފުރުޞަތު


އިންޑިއާގެ ތިރިވަނަންތަޕޫރަމާއި ކޮޗިންގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންނަށް ބޭނުންވާ ޒަރޫރީތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، މިދެތަނަށް މޯލްޑިވިއަންއިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާތަކެތި ހިލޭ ފޮނުވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހު މި ދެތަނަށް މޯލްޑިވިއަންގެ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެގޮތުން ތިރިވަނަންތަޕޫރަމާއި ކޮޗިންގައި ތިބި ދިވެހިންނަށް "ކެއަރ ޕެކޭޖް" ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިފުރުޞަތު ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 600 ފަރާތަކަށްކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީ.އައި.އޭގެ ޑިޕާރޗަރ ހޯލު ކައިރީގައި ބަހައްޓާފައިވާ ޚާއްސަ ކައުންޓަރުތަކުން ކަމަށެވެ. އަދި ތަކެތި ބަލައިގަންނަނީ 10 އޭޕްރީލް 2020 ވާ ހުކުރު ދުވަހުގެ ހެނދުނު 8 އިން މެންދުރު 11ޖެހުމާއި ހަމައަށެވެ. އަދި މެންދުރު 14:00 އިން ހަވީރު 18:00 އަށްވެސް ތަކެތި ބަލައިގަންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކެއަރ ޕެކޭޖްގެ ގޮތުގައި މި ތަންތަނަށް ފޮނުވޭނީ އެ ޤައުމުގައި މިވަގުތު ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާތަކެތިކަމަށާއި، ކޮންމެ ޢާއިލާއަކަށްވެސް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ކާގޯގެ ގޮތުގައި ފޮނުވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ތަކެތީގެ ތެރޭގައި، ޑަކްޓަރީ ބޭސް، މަސް ދަޅު ކޭސް، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުރި ރިހާކުރު ފުޅި ހިމެނެއެވެ. އަދި މަސް ޕެކެޓާއި، ފަތް ޕެކެޓާއި، ފިހާރަތަކުން ވިއްކާ ޕެކެޓްކޮށް ބަންދުކޮށްފައިވާ ކާބޯތަކެތިވެސް ފޮނުވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ކާގޯގެ ގޮތުގައި ކާޑުގެ ބާވަތްތަކާއި، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި، ހެދިކާއާއި ތައްޔާރީ ކާނާ، އަދި މޭވާއާއި ތަރުކާރީގެ އިތުރުން ފައިސާ ނުފޮނުވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކެއަރ ޕެކޭޖުގެ ގޮތުގައި ފޮނުވަން ބޭނުންވާ ތަކެތި ގެންނަންވާނީ ފޮށިގަނޑު ބަންދުކުރުމަށް ބޭނުންވާ ސާމާނާއެކު ފޮނުވުމުގެ ހުއްދަ ލިބިފައިވާ ފޯމާއެކު ކަމަށާއި، ފޮށިގަނޑު ބަންދުކުރަންވާނީ މޯލްޑިވްސް ކަސްޓަމްސްއާއި އޭވިއޭޝަން ސެކިއުރިޓީ ބެއްލުމަށްފަހުކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ފޮނުވާތަކެތި އިންޑިއާގެ ކަސްޓަމްސްއިން ކްލިއަރ ކުރުމަށްފަހު، ތިރިވަނަންތަޕޫރަމް ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލްއިން ހަވާލުވާނެއެވެ. އަދި އެތަކެތި ލިބެންވާ ފަރާތްތަކާއި ޙަވާލުކުރާނީވެސް ކޮންސިއުލޭޓް ޖެނަރަލްއިންއިން ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ސަރުކާރުން މީގެ ކުރިންވެސް ވަނީ މެލޭޝިއާއާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޮނުވުމުގެ ފުރުޞަދު ދީފައެވެ. އަދި މި ފުރުސަތުގައި ފޮނުވި ތަކެތި މިހާރު އެ ޤައުމުތަކުގައި ތިބި ދިވެހިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.