ވިޔަފާރި

ކޯވިޑް-19 : ޓްވިޓަރގެ ވެރިޔާ 1 ބިލިއަން ޑޮލަރު ހަދިޔާކުރައްވައިފި


ކޮރޯނާއާ ދެކޮޅަށްކުރާ މަސައްކަތަށް ޓްވިޓަރގެ ވެރިޔާ 1 ބިލިއަން ޑޮލަރު ހަދިޔާކުރައްވައިފިއެވެ.

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓަރގެ ބާނީ އަދި ޗީފް އެގްޒެކްޓިވް، އެމެރިކާގެ ޖެކް ޑޯސޭ ކޮރޯނާއާ ދެކޮޅަށް ކުރާ މަސައްކަތަށް 1 ބިލިއަން ޑޮލަރު ހަދިޔާކުރައްވާނެކަމަށް އިޢުލާންކޮށްފައިވަނީ ޓުވިޓަރގައެވެ.

ކޮރޯނާއާ ދެކޮޅަށް ކުރާ މަސައްކަތަށް ޓުވިޓަރގެ ވެރިޔާ 1 ބިލިއަން ޑޮލަރު ހަދިޔާކުރައްވަން ނިންމެވިއިރު، މިއީ އޭނާގެ މިލްކިލްޔާތުގެ 28 އިންސައްތައެވެ. ޚަބަރުތައް ބުނާގޮތުން އެއް ބިލިއަން ޑޮލަރު ޖެކް ހަދިޔާކުރައްވާނީ މަޝްހޫރު ސްކޮޔަރ ކުންފުނީގައި ހުރި އޭނާގެ ހިއްސާތަކުގެ ތެރެއިން ބޮޑު ބައެއް ވިއްކައިގެނެވެ.

އުމުރުން 43 އަހަރުގެ ޖެކްއަކީ ޓުވިޓަރގެ ޗީފް އެގްޒެކްޓިވްގެ އިތުރުން، މާލީ ހިދުމަތްތައް ފޯރުކޮށްދޭ ސްކޮޔަރގެވެސް ޗީފް އެގްޒެކްޓިވްއެވެ.

ޖެކް ހަދިޔާކުރެއްވި ފައިސާ ޚަރަދުކުރާނެ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދުކުރާނީ ކޮރޯނާއާ ދެކޮޅަށް އެމެރިކާގައި ކުރާ މަސައްކަތަށްކަމަށް ޚަބަރުތައް ބުނެއެވެ.

ޓުވިޓަރގެ ވެރިޔާގެ އިތުރުންވެސް މަޝްހޫރު ބިލިއަނަރުން ދަނީ ކޮރޯނާއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ވަނީ ކޮރޯނާއަށް ފަރުވާއެއް ހޯދުމަށްކުރާ މަސައްކަތަށް 30 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ. އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯޒްވަނީ މިދަނޑިވަޅުގައި ދިމާވާ ކާބޯތަކެތީގެ ދަތިކަން ހައްލުކުރުމަށް 100 މިލިއަން ޑޮލަރު ހަދިޔާކުރައްވާފައެވެ. އަދި ނުރައްކާތެރި ހާލަތެއްގައި އޮތް އިޓަލީއަށް ބޭނުންވާ މެޑިކަލް ސާމާނު ފޯރުކޮށްދޭނެކަމަށް މަޝްހޫރު އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްވެސް ވަނީ އިޢުލާންކޮށްފައެވެ.