ޚަބަރު

ކޯވިޑް-19: މިއީ ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކުރަންވީ ވަގުތު- މަބްރޫކް


ކޯވިޑް19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި މިބަލި ނުފެތުރި މިއޮތް ދުވަސްކޮޅަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި އާދަކާދަތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށްލިބިފައިވާ ވަގުތުކޮޅަކަށް ހެދުމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް އިލްތިމާސްކުރައްވައިފިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރުވެސް ލޮކްޑައުންގެ ދުވަސްތައް ބޭނުންކުރަމުންދަނީ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓާފާޅިއަށް ބަދަލުކުރުމަށްކަމަށެވެ. އެގޮތުން ގެއިން ބޭރަށް ނުކުތުމުގައި ސަމާލުކަންދޭންވީކަންކަމާއި ގޭތެރޭގައި ގެންގުޅެންވީ ރީތި އަދި ރައްކާތެރި ގޮތްތައް ދެނެގަތުމާ އެކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް މަބްރޫކް އިލްތިމާސްކުރެއްވިއެވެ. ހަމައެއާއެކު ބޭރުތެރޭގައި އުޅޭއުޅުމުގައި ގެންގުޅެންވީ އިޖުތިމާޢީ ގައިދުރުކަމަކީ ގިނަ ބަލިތަކަކުން ރައްކާތެރިވެވޭ ފަދަ ސިފައަކަށްވާއިރު އެފަދަކަން އަށަގެންނެވުމަށް މިއީ ރަނގަޅު ދަނޑިވަޅެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ޢާއްމުކޮށް ތޮށްޖެހިފައި ހުންނަ ތަންތަނަށް ނުދިޔުމާއި ފިހާރަތަކަށް ގޮސް ތަކެތީގައި އަތްލުން މަދުކުރުމާއި ފައިސާ އަތުގައި ގެންގުޅޭ މިންވަރު މަދުކުރުމާއި، ކާޑާއި އިންޓަރނެޓް ބޭންކިންގެ ބޭނުންކޮށްގެން މުޢާމަލާތްތައް ކުރުމަށް އަހުލުވެރިވުން މުހިއްމުކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ރާއްޖެ ކޮންމެވެސް ހިސާބަކުން ޢާއްމު ހާލަތަކަށް ގެންދަން ޖެހޭނެ. އެއީ ކުރިން އަޅުގަނޑުމެން ދިރިއުޅުނު ޙަލަތަށް ނުވެދާނެ. އެހެންނަމަވެސް ދިރިއުޅުމުގެ ޢާއްމު ޙާލަތަކަށް ދާން އެބަޖެހޭ. އެހެން ޤައުމުތަކަށް ބަލާއިރު އަޅުގަނމޑުމެންނަށް ލިބިފައި މިއޮތް ވަގުތުކޮޅު އެހެން ޤައުމުަކުގެ ރައްޔިތުން ބޭނުންކުރަނީ ދެން އަންނަން އޮތް ޙާލަތަށް ތައްޔާރުވުމުގެ ގޮތުން. މީގެ މާނައަކީ ތަންތަނަށްދާއިރު މީހުން ތޮއްޖެހޭ ތަންތަނަށް ނުދިޔުމާއި، ފިހާރަތަކުގައި ހުންނަ އެއްޗިހީގަ އަތްނުކޭތުމާއި، ދާ ގަޑިތަކެއް ވަކި ގަދިތަކެއް ބަލައިގެން ދިޔުމާއި ކޭޝް ލެސްކޮށް އުޅެން ދަސްކުރުމާއި ގޭގެތެރޭަވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އެހެން ޤައުމުތަކުގަވެސް މިވަގުތު ބޭނުން ހިފަމުންދާތަން ފެންނަނީ." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް19ގެ ސަބަބުން ޚިދުމަތް ދިނުމުގައި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެފަދަ ކަންކަމާއި ޙާލަތްތަކަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ވިޔަފާރިތަކުން ހަމަޖެއްސުމަށް އިތުރު ވިސްނުމަކަށް ދިޔުމަށްވެސް މަބްރޫކްވަނީ ޚިޔާލު ދެއްވާފައެވެ. މަބްރޫކް ވިދާޅުވީ ރާއްޖޭގައި އަދި ފެތުރި ޢާއްމުވެގެން ގޮސްފައިނުވާއިރު މިއީ ވިޔަފާރިތައް އާ ގޮތްގޮތަށް ތަރައްޤީކޮށް، އާ އީޖާދީ ގޮތްތަކަށް ވިޔަފާރިތައް ބަދަލުކުރަން ލިބޭ ވަގުތުކޮޅަކަށް ހެދުމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް ނަވާރައިގެ ސަބަބުން ވިޔަފާރިތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ރާއްޖޭގައި ކާބޯތަކެތި ވިއްކާ ތަންތަނާއި ކެފޭ ރެސްޓޯރެންޓުތަކާއި ފިހާރަތަކުގެ ޚިދުމަތްތަކަށް ބުރުއަރާފައިވީނަމަވެސް ގިނަ ތަންތަނުން މިހަރު އަންނަނީ ގޭގެއަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ފަށާފައެވެ. މިއާއެކު އެވިޔަފާރިތައް އެއްކޮށް ހުއްޓުމަކަސް ނައިސް ކުރިއަށް ގެންދެވޭނެއެވެ. އެހެންނަމަވެސް ވައިރަސް ފެތުރިގެންދާ ޙާލަތުގައި ޑެލިވަރީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު ކުރިއަށްގެންދެވޭނެ ގޮތްތަކަކަށް މިހަރުވަނީ ވިސްނަންޖެހިފައެވެ.