އިންޑިޔާއިން ސްރީ ލަންކާއަށް 10ޓަނުގެ ބޭސް ހަދިޔާކޮށްފިއެވެ.
ސްރީ ލަންކާގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ 185 މީހުން މިހާތަނަށްވަނީ ފެނިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން 6 މީހަކުވަނީ މަރުވެފައެވެ. މިމަހުގެ ފަހުކޮޅު ސްރީ ލަންކާގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެކަމަށް އެޤައުމުގެ ޞިއްޙީ މާހިރުންވަނީ ލަފާކޮށްފައެވެ.
ސްރީ ލަންކާގެ ސަރުކާރުގެ އެދުމުގެ މަތިން ޢާންމުކޮށް ބޭނުންވާ މުހިއްމު ބޭހުގެ ބާވަތްތައް އިންޑިޔާއިން ފޮނުވާފައިވަނީ އެއާރ އިންޑިޔާގެ ޚާއްޞަ ޗާޓަރު ފްލައިޓެއްގައެވެ. ކޯވިޑް-19ގެ ސަބަބުން އިންޑިޔާގެ ޙާލަތު ގޯސްވެފައިވީނަމަވެސް މިފަދަ ދަނޑިވަޅެއްގައި އިންޑިޔާއިން ސްރީ ލަންކާއަށް ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭކަމަށް ސްރީލަންކާގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުންޏެވެ. އިންޑިޔާއަކީ އެޤައުމަށް ލިބިފައިވާ ވަޞީލަތްތައް ރަހުމަތްތެރި ޤައުމުތަކާ އަބަދުވެސް ޙިއްޞާކުރާ ޤައުމެއްކަމަށް ހައިކޮމިޝަނުންވަނީ ބުނެފައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމަށް މިދިޔަ މާރޗު މަހުގެ 15ވަނަ ދުވަހު ސާކުގެ ޤައުމުތަކުގެ އިސްވެރިންވަނީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ޚާއްޞަ ޙާލަތާ ގުޅޭގޮތުންް ވީޑިއޯ މެދުވެރިކޮށް މަޝްވަރާކުރައްވާފައެވެ. އަދި ބޮޑުވަޒީރު މޯދީވަނީ ސާކުގެ ޤައުމުތަކަށް އެހީތެރިކަން ފޯރުކުރުމަށް ޚާއްޞަ ފަންޑެއް ޤާއިމުކުރުމަށް ހުށަހަޅުއްވާ އެފަންޑަށް އިންޑިޔާއިން 10 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށް ވިދާޅުވެފައެވެ.