ޚަބަރު

މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރައްވަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ނުކުޅެދިއްޖެ ޙާލަތެއްގައި ވާނީ ކިހިނެތް؟


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ހަސްފަތާލުގައި އެނދުމަތިކުރެވިފައެވެ. ވައިރަސް ޖެހިވަޑައިގެންނެވިފަހުން 12 ދުވަސް ފާއިތުވެ، ޙާލުގޯސްވެ ބޮޑުވަޒީރު ޖޮންސަންވަނީ އައިސީޔޫގައި ބާއްވާފައެވެ. ނަމަވެސް އަދިވެސް ޤައުމު ހިންގުމާ ޙަވާލުވެހުންނެނީ ބޮޑުވަޒީރު ޖޮންސަނެވެ.

ބޮޑުވަޒީރު ބޮރިސް ޖޮންސަނަށް މަޤާމުގެ މަސްޢޫލިއްޔަތު ޢަދާކުރުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި ޤައުމުގެ ހިނގުމާ ޙަވާލުވެލައްވަން ޖެހިވަޑައިގަންނަވާނީ އެޤައުމުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބަށެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން މިހަފުތާގައި ބޭއްވި ކޯވިޑް-19އާ ގުޅޭ ޚާއްޞަ ބައްދަލުވުމުގައި ބޮޑުވަޒީރު ޖޮންސަންގެ ބަދަލުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު ރާބެވެ.

46 އަހަރުގެ ޑޮމިނިކް ރާބަކީ ޗެކް ރިޕަބްލިކުގެ ޔަހޫދީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ އާއިލާވަނީ ޖަރުމަނުވިލާތުގެ ނާޒީންގެ ކިބައިން ސަލާމަތްވުމަށް 1938ވަނަ އަހަރު އިނގިރޭސިވިލާތަށް ހިޖުރަކޮށްފައެވެ. ޅައުމުރުގައި ރާބް ދިރިއުޅުއްވީ ބަކިންހަމްޝަޔާގެ އުތުރުގެ ސަރަޙައްދެއްގައެވެ. އަދި މަޝްހޫރު އޮކްސްފޯޑް ޔުނިވަސިޓީން ޤާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެ، ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން މަސައްކަތްކުރެއްވީ ޤާނޫނީ ވަކީލެއްގެ ގޮތުގައެވެ.

2010ވަނަ އަހަރު އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިން ރާބުވަނީ ޚާރިޖީ ދާއިރާގައިވެސް މަސައްކަތްކުރައްވާފައެވެ. އެގޮތުން ނެދަލޭންޑްސްގެ ދަ ހޭގުގައި އޭނާވަނީ އިނގިރޭސިވިލާތް ތަމްޞީލުކޮށްކުރައްވާފައެވެ. ދަ ހޭގުގައި ހުންނަވައިގެން ހަނގުރާމައިގެ ޖަރީމާ ހިންގާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތާއި ޢަރަބި ޤައުމުތަކާއި އިސްރާޢީލާ ދެމެދު އޮތް މައްސަލަތަކުގައި އިނގިރޭސިވިލާތުގެ ސަރުކާރަށް އޭނާވަނީ ލަފާދެއްވާފައެވެ.

ކުރީގެ ބޮޑުވަޒީރު ތެރޭސާ މޭއިގެ ދައުރުގައި ޑޮމިނިކް ރާބުވަނީ ބްރެކްސިޓު ވަޒީރުގެ މަޤާމު ފުރުއްވާފައެވެ. ނަމަވެސް މަޤާމާ ޙަވާލުވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އެއީ އޭރުގެ ބޮޑުވަޒީރު މޭއި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ހުށަހެޅުއްވި ބައެއް ޝަރުތުތަކާމެދު ހިތްހަމަނުޖެހިވަޑައިގެންނެވެ.

2019ވަނަ އަހަރު ރާބުވަނީ ކޮންސަވޭޓިވް ޕާޓީގެ ލީޑަރުކަމާއި ބޮޑުވަޒީރުކަން ހޯއްދެވުމަށް މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންނާ ވާދަކުރައްވާފައެވެ. ރާބަކީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް ވަރަށް ބޮޑަށް ތާޢީދުކުރެއްވި ބޭފުޅެކެވެ. ކެމްޕެއިންގެ ތެރޭގައި ރާބުވަނީ ބްރެކްސިޓުގެ މައްސަލައިގައި ބޮޑުވަޒީރު ޖޮންސަން ހުށަހެޅުއްވި ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ވަކިހިސާބަކުން އިންތިޚާބުން ވަކިވެވަޑައިގަންނަވާ ރާބުވަނީ ބޮޑުވަޒީރު ޖޮންސަނަށް ތާޢީދުކުރައްވާފައެވެ. ޚާރިޖީ ވަޒީރުގެ މަޤާމަށް ރާބު ޢައްޔަންކުރެވުނީ 2019ވަނަ އަހަރުގެ ޖުލައި މަހު ބޮރިސް ޖޮންސަން ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އެކުލަވާލެއްވި ފުރަތަމަ ކެބިނެޓުގައެވެ.

ކޯވިޑް-19ގެ ސަބަބުން މެދުވެރިވެފައިވާ އާލާސްކަންފުޅަށް ފަރުވާ ދިނުމަށް ބޮޑުވަޒީރު ޖޮންސަން އޮންނެވީ ހަސްފަތާލުގައި އެނދުމަތިކުރެވިފައެވެ. އެމަނިކުފާނަށް އޮކްސިޖަން ދެމުންދިޔަނަމަވެސް ވެންޓިލޭޓަރެއްގެ އެހީގައި ނޭވާލާންޖެހޭ މިންވަރަށް އޭނާގެ ޙާލަތު ގޯހެއް ނުވެއެވެ. ނަމަވެސް އެފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް ބޮޑުވަޒީރު ޖޮންސަން ބާއްވާފައި އޮންނެވީ އައިސީޔޫގައެވެ.

އިނގިރޭސިވިލާތުގައި 55،000އަަަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19ގެ އަސަރުކޮށްފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 6،000އަށްވުރެ އިތުރުވެފައެވެ.

ބޮޑުވަޒީރު ޖޮންސަން އެނދުމަތިކުރެވިފައިވަނީ އިނގިރޭސިވިލާތް ވަރަށް ނާޒުކު ޙާލަތެއްގައި އޮތް ދުވަސްވަރެއްގައެވެ. ކުރިއަށް އޮތް ހަފުތާވެގެންދާނީ ކޯވިޑް-19 އެޤައުމުގައި އެންމެ ބޮޑަށް ފެތުރި، މަރުވާ މީހުންގެ ޢަދަދު އެންމެ ގިނަވާނެ ހަފުތާއަށްކަމަށް ޞިއްޙީ މާހިރުންވަނީ ލަފާކޮށްފައެވެ.

އެޙާލަތުގައި ޤައުމުގެ ހިންގުމާ ޙަވާލުވެހުންނެވި ބޭފުޅަކާމެދުވަނީ ސުވާލުއުފެދިފައެވެ. ބޮޑުވަޒީރަށް މަސްޢޫލިއްޔަތު ޢަދާކުރެއްވުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި ސަރުކާރު ހިންގުމުގައި ޢަމަލުކުރާނެ ޚާއްޞަ ގޮތެއް އިނގިރޭސިވިލާތުގެ ޤާނޫނަކު ނޯވެއެވެ. އެކަމާ ގުޅޭގޮތުން މިހާރުހުރި ޤާނޫނުތަކަކީ ޒަމާނަށް ނުފެތޭ ޤާނޫނުތަކެކެވެ.

ބޮޑުވަޒީރުގެ ރަސްމީ އޮފީހުންވަނީ ޖޮންސަންގެ ބައެއް މަސްޢޫލިއްޔަތުތައް ވަގުތީ ގޮތުން ރާބަށް ޙަވާލުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ރާބު ވިދާޅުވީ ބޮޑުވަޒީރަށް މަސައްކަތަށް އަލުން އަނބުރާ ނުކުމެވެންދެން އޭނާއަށް މަސައްކަތް ޙަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ކިހާ ދުވަހެއް ކަމެއް ބުނާކަށް ނޭނގެއެވެ. ނަމަވެސް ބޮޑުވަޒީރު ޖޮންސަން މިވަގުތަށް ކަންކަން ރާއްވަވާފައިވާގޮތާމެދު ޔަޤީންކަން އޮތްކަމަށާއި ގިނަ ދުވަސްތަކެއް ނުވެ އަލުން މަސައްކަތާ ޙަވާލުވެވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާކަމަށް ރާބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިވަގުތު ނިންމަންޖެހޭ ހުރިހާ ނިންމުމެއް ނިންމަވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހުއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ނިއުކްލިއަރ ޙަތިޔާރާމެދު ފަހު ބަސް ބުނާނީ ކޮންފަރާތަކުންކަމެއް ހާމަކުރައްވަން ވަޒީރުންގެ މަޖިލީހުންވަނީ ދެކޮޅުހައްދަވާފައެވެ. އަދި އެއްވެސް މައްސަލައެއްގައި ވަޒީރުންގެ މަޖިލީހުން ދެބަސްވެއްޖެނަމަ ޢަމަލުކުރާނެ ގޮތެއްވެސް ކަަނޑައެޅިފައެއް ނުވެއެވެ.

ބޮޑުވަޒީރުގެ ރަސްމީ އޮފީހުން ބުނާގޮތުގައި ޚާރިޖީ ވަޒީރަށްވެސް ބޮޑުވަޒީރުގެ މަސްޢޫލިއްޔަތު ޢަދާކުރައްވަން ނުކުޅެދިއްޖެ ޙާލަތެއްގައި ދެން މަޤާމާއި ޙަވާލުވެވަޑައިގަންނަވާނީ މާލީ ވަޒީރު ރިޝީ ސުނަކެވެ.

2015ވަނަ އަހަރު ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ރިޝީ ސުނަކްވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. 39 އަހަރުގެ ޒުވާން ވަޒީރު ކުއްލި ގޮތަކަށް މާލީ ވަޒީރުކަމަށް އިސްކުރެވުނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަައެވެ. މަޤާމާ ޙަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާރޗު މަހު އޭނާވަނީ ފުރަތަމަ ފަހަރަށް ބަޖެޓު ހުށަހަޅުއްވާފައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ޤައުމުގެ އާންމު ޙާލަތާއި އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެތައް ބިލިއަން ޕައުންޑެއް ކަނޑައަޅަން މިހާރުވަނީ މަޖުބޫރުވެފައެވެ.