ޚަބަރު

11 ހަފުތާއަށްފަހު ވުހާން ސިޓީގެ ފުރަބަންދު އުވާލައިފި


76 ދުވަހަށްފަހު ޗައިނާގެ ވުހާން ސިޓީ އަލުން ހުޅުވާލައިފިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ހޫބެއި ޕްރޮވިންސުގައި އޮންނަ ވުހާން ސިޓީންނެވެ. އެސިޓީގައި ބަލިމަޑުކަން ފެތުރެންފެށުމުން ޖެނުއަރީ މަހުގެ 23ވަނަ ދުވަހު އެސިޓީވަނީ ކުއްލިގޮތަކަށް ބަންދުކޮށްފައެވެ. ފާއިތުވީ 11 ހަފުތާގެ ތެރޭގައި ވުހާން ސިޓީގައި ދިރިއުޅޭ 11 މިލިއަން މީހުންވަނީ ގޭގައި ބަންދުވެފައެވެ. އަދި ބޭރަށް ނުކުމެވެނީ ކާބޯތަކެތިގަތުންފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެކަންޏެވެ. އެމުއްދަތުގައި ޚާއްޞަ ހުއްދައެއްގެ ދަށުން ރަށުން ބޭރަށް ނުކުމެވުނީ މަދު ބަޔަކަށެވެ.

ޗައިނާގައި ކޯވިޑް-19ގެ އަސަރު 81،000އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 3،300އަށްވުރެ މަތިވެފައެވެ. ނަމަވެސް ކޯވިޑް-19 ފެތުރެން ފެށުމުން އެޤައުމުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގައި ބަލިމަޑުކަން ފެތުރޭ މިންވަރު މިހާރުވަނީ އެއްކޮށްހެން ދަށްކުރެވިފައެވެ. ޗައިނާގެ ސަރުކާރުން އެންމެ ފަހުން ޙިއްސާކުރި ޢަދަދުތައް ދައްކާގޮތުގައި އަލަށް ކޯވިޑް-19 ޖެހިފައިވާ މީހަކު ނުފެންނަތާ 24 ގަޑިއިރުވެއްޖެއެވެ.

ވުހާންގައި އިޢުލާނުކޮށްފައިވާ ފުރަބަންދު އުވާލުމުން ވައިގެ ދަތުރުތަކާއި ރޭލުދަތުރުތައްވަނީ އަލުން ފަށާފައެވެ. ވުހާންގެ މަގުތަކާއި ހައިވޭތަކާއި ފާލަންތައް އަލުން ހުޅުވާލުމުން ވުހާންގައިވަނީ އުފާފާޅުކޮށްފައެވެ. ނަމަވެސް ޗައިނާގެ ސަރުކާރުންދަނީ އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް ވުހާންގެ ރައްޔިތުންނަށް ގޮވާލާމުންނެވެ. ފަރުވާކުޑަނުކޮށް މާސްކު ބޭނުންކުރުމުގައި ދެމިތިބުމަށާއި ބަލިމަޑުކަން އަލުން ފެތުރުނަނުދިނުމަށް ސަމާލުވުމަށް ސަރުކާރުންދަނީ އާންމުންނަށް ގޮވާލަމުންނެވެ.