ކުޅިވަރު

މިނިވަން 50 ޗެމްޕިއަންޝިޕް އަންނަ މަހުގެ 15 ވަނަ ދުވަހު ފަށަނީ


ބޮޑަތި ބަދަލުތަކާއެކު ހޯމް އެންޑް އަވޭ އުޞޫލުން
ކުޅޭ މިނިވަން ފަންސާސް ޗެމްޕިއަންޝިޕް އަންނަ މަހުގެ ފަނަރަ ވަނަ ދުވަހު
ފަށާނެކަން އެފްއޭއެމްއިން އިއުލާންކޮށްފިއެވެ. ކުރިން ބާއްވަމުން އައި އަތޮޅު
ފުޓްބޯޅަ މުބާރާތަށް ބޮޑަތި ބަދަލުތަކެއް ގެނެސްގެން ބާއްވާ މިނިވަން ފަންސާސް
ޗެމްޕިއަންޝިޕްގައި ހަތްދިހަ އަށް ރަށެއް ވާދަކުރާނެއެވެ. ނަމަވެސް މީގެތެރެއިން
ދެތިން ރަށެއް ނަން ނެގުން ނުވަތަ ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ
ނުކޮށްގެން އުނިކުރަން ޖެހިދޭނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.

ހަފްތާ
ބަންދުގައި މެޗުތައް ކުޅެން ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ ބުރުގެ ޚަރަދުތައް
ކުރަން ޖެހެނީ އެރަށަކުން ނުވަތަ ޓީމަކުންނެވެ. ނަމަވެސް ދެވަނަ ބުރުން ފެށިގެން
އެފްއޭއެމްއިން ބައެއް ކަހަލަ ސަބްސިޑީޒްތައް ދެއްވާނެކަމަށް އެއިދާރާޖެ ޖެނެރަލް
ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. މުބާރާތުގެ ފައިނަލްބުރާއި ހަމައަށް ދާ
ޓީމްތަކަށް އިނާޔަތްތަކާއި، ޗެމްޕިއަން ޓީމަށް އެކަށީގެންވާ ފައިސާގެ އިނާމް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ފައިނަލް ބުރަށް އައްޑުއަށް ދިއުމުގެ
ކަންތައްވެސް މޯލްޑިވިއަން މެދުވެރިކޮށް ވަނީ ހަމަޖައްސާފައެވެ. ފައިނަލް ރައުންޑްގެ
ދަތުރުފަތުރުގެ އިތުރުން އެކޮމަޑޭޝަނަށްވެސް ފައިސާ ދެއްވާނެކަމަށް ބައްސާމް
ވިދާޅުވިއެވެ. އަދި ޗެމްޕިއަން ޓީމް އެނބުރި ރަށަށް ދިއުމުގެ ކަންތައްވެސް
މޯލްޑިވިއަން މެދުވެރިކޮށް ވަނީ ހަމަޖައްސަވާފައެވެ. މުބާރާތުގެ ފައިނަލް ބުރު ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައެވެ. ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗު މިއަހަރު ކުޅޭނީ އައްޑޫ ސިޓީގައެވެ. ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ޤައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. 

ބައްސާމް ވިދާޅުވީ މިއީ މިވަގުތު
ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ މުބާރާތްކަމަށެވެ. އަދި މިއީ މުޅި ރާއްޖެ ޝާމިލްވާ މުބާރާތެއްކަމަށެވެ.

" އަޅުގަނޑު ދެކޭގޮތުގައި މިއީ މިވަގުތު ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ މުބާރާތް. އެއީ މިއީ މުޅި ޤައުމު ތަމްޘީލްކުރެވިގެން ކުރިއަށްގެންދެވޭ މުބާރާތަކަށްވާތީ. މިމުބާރާތުގައި ބައިވެރިވެވޭނީ ރަށު ޓީމަށް. ކްލަބަކަށް، ނުވަތަ ޖަމްއިއްޔާއަކަށް ބައިވެރިވުމުގެ ފުރުޞަތެއް ނެތް. ރަށުގެ ޤައުމީ ޓީމެއް ކަހަލަ ގޮތަކަށް މުބާރާތުގައި ވާދަކުރާނީ. " ބައްސާމް ވިދާޅުވިއެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ މިމުބާރާތުގައި ފޮރުވިފައިވާ ޞިއްރުތަކެއްވެސް ވެއެވެ. އެއީ ހާޞިލްކުރަން ބޭނުންވާ ކަންތައްތަކެކެވެ.

" ބައިބައިވުން ނައްތާލާ، އެއްބައިވަންތަ ބައެއްގެ ގޮތުގައި އުޅުން ނުވަތަ އެއްބައިވަންތަ ކުރުވުމަކީވެސް މުބާރާތުން ހާޞިލްކުރަން ބޭނުންވާކަމެއް. " ބައްސާމް ވިދާޅުވިއެވެ.

މިމުބާރާތް ނިމޭއިރު 270 އަށްވުރެ ގިނަ މެޗު ކުޅޭނެއެވެ. ގާތްގަނޑަކަށް ހަ މަސްދުވަހަށް މުބާރާތް ދިގުދެމިގެންދާނެއެވެ. މުބާރާތް ރަސްމީކޮށް ލޯންޗް ކުރުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު އޮލިމްޕަހުގައެވެ.