ޚަބަރު

ކޯވިޑް-19 : މެލޭޝިއާގައި ނާދެވި ތިބި 197 ދިވެހިން ރާއްޖެ ގެނެސްފި


ކޯވިޑް-19 އާ ގުޅިގެން މެލޭޝިއާގައި ނާދެވި ތިބި ދިވެހިންގެ ތެރެއިން 197 މީހުން ރާއްޖެ ގެނެސްފިއެވެ.

އެމީހުން ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ޚާއްސަ ފްލައިޓެއްގައި. މިފްލައިޓް އައިސްފައިވަނީ ފަތިހު 4.48 ގައެވެ. މޯލްޑިވިއަނުން ވިދާޅުވީ އެމީހުން ގެނައި ލަގެޖް 7290 ކިލޯއަށް އަރާކަމަށެވެ. މޯލްޑިވިއަނުން މެލޭޝިއާއަށް ކުރި ދަތުރުގެ ޓިކެޓް ވިއްކާފައިވަނީ ސީޓަކަށް 330 ޑޮލަރަށެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށްފައިވާ އެސްއޯޕީގައިވާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭނެއެވެ. އެހެންކަމުން މެލޭޝިއާއިން ރާއްޖެއައި ދިވެހިންވެސް ވަނީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ.

ކަރަންޓީންގެ 14 ދުވަސް ހަމަވުމުން އެ މީހުން ދޫކޮށްލާނީ ކޯވިޑް-19އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވުމުންނެވެ.

ރާއްޖެއިން ބޭރުގައި ނާދެވި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު މިހާތަނަށް ސްރީލަންކާގައި ތިބި 100 ދިވެހިންނާއި އިންޑިއާގެ ކޮޗިންގައި ތިބި 188 މީހަކު ވަނީ ގެނެސްފައެވެ. އަދި އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެއަށް ބާއްވާ ފްލައިޓްގައި ގެނައުމަށް ހަމަޖެހިފައިވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓްގައި ޓްރިވެންޑްރަމުން މާލެ އަންނަން ޓިކެޓް ނަގާފައިތިބި މީހުންނާއި އާސަންދައިގެ ދަށުން ފަރުވާ ހޯދަމުންދިޔަ ބައެއް މީހުންނެވެ.

މޯލްޑިވިއަނުން ދަނީ ރާޢްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފުރުޞަތު ލިބޭ ވަރަކުން އެޤައުމުތަކަށް ދަތުރުތައް ބާއްވަމުންނެވެ.