ޚަބަރު

ކައުންސިލަރުންގެ ދައުރު ދަންމާލަން އެކުލަވާލާ ޤާނޫނުގެ ބިލް މަޖިލީހަށް ހުށަހަޅައިފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިޚާބު ބާއްވައި، ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވަންދެން މިހާރުވެސް އިންތިޚާބްވެފައިވާ މެމްބަރުންނަށް އެމަޤާމުގައި ދެމިތިބިވޭގޮތަށް ޚާއްސަ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިބިލް މަޖިލީހަށް ހުށަހަޅައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މި ޤާނޫނަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ އުމުރު 3 ޖޫން 2020 ތާރީޚަށް ހަމަވާއިރު، ކޯވިޑް-19 އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ޚާއްސަ ޙާލަތުގެ ސަބަބުން އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ކުރިމަތިވެދާނޭ ޤާނޫނީ ހުސްކަމަށް ޙައްލު ހޯދުމަށް ހުށަހެޅިފައިވާ ބިލެކެވެ.

ޤާނޫނު އަސާސީއާއި، ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ލޯކަލް ކައުންސިލްތައް އިންތިޚާބުކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބު، ޤާނޫނު ލާޒިމުކުރާ މުއްދަތުގެ ތެރޭގައި ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވުމަކީ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލަށް ޢަމަލުކުރުން އިސްތިސްނާ ވާނޭ ކަމެއް ނޫނެވެ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން މެނުވީ ހިންގުމަކީ ޤާނޫނު އަސާސީން ތަންނުދޭ ކަމަކަށްވާއިރު މިޤާނޫނާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވާނެއެވެ. ނަމަވެސް މިބިލް ޤާނޫނަށްކަށް ވެގެންދާއިރު މިކަމަށްވެސް ހައްލުތަކެއް ލިބިގެންދާނެއެވެ.

ނަމަވެސް އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތިވެދާނެތީއާއި، އެފަދަ ޙާލަތެއްގައި ޢަމަލުކުރާނޭ ގޮތެއް ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިޚާބު ބާއްވައި، ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވަންދެން މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އިންތިޚާބުކުރެވިފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށް ހުށަހެޅިފައިވާ ބިލުގައި ބުނެފައިވެއެވެ.

މި ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކައުންސިލްތައް ދެމި އޮންނަ މުއްދަތުގައި، ޤާނޫން އަސާސީގެ 8 ވަނަ ބާބާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި އެ ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާ ނިންމުންތުކަކީ ޤާނޫނު އަސާސީއާއި، ޤާނޫނުގައިވާ ގޮތުގެ މަތީން ފުރިހަމަ ބާރުވެރިކަން ލިބިގެންވާ އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާންޖެހޭނޭ ނިންމުންތަކެއްކަމުގައި މިބިލުގައިވަނީ ބަޔާންކޮށްފައެވެ.