ޚަބަރު

ކޯވިޑް-19 : ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެނައުމަށް ހޮނިހިރު ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް ބާއްވަނީ


އިންޑިއާގެ ޓްރިވެންޑްރަމްގައި ނާދެވިފައިތިބި ދިވެހިންބަލާ އަންނަ ހޮނިހިރު ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް ދަތުރުކުރާނެކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ މިމަހުގެ 11 ވާ ހޮނިހިރުދުވަހު ބާއްވާ އެދަތުރުގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓްގައި ޓްރިވެންޑްރަމުން މާލެ އަންނަން ޓިކެޓް ނަގާފައިތިބި މީހުންނާއި އާސަންދައިގެ ދަށުން ފަރުވާ ހޯދަމުންދިޔަ ބައެއް މީހުންކަމަށެވެ.

މޯލްޑިވިއަނުން ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގު އަލުން ރިވިއުކޮށް އަގުވެސް ހެޔޮ ކޮށްފައެވެ. އެގޮތުން ޓްރިވެންޑްރަމަށްކުރާ ދަތުރުގެ ޓިކެޓްގެ އަގަކީ މިހާރު 199 ޑޮލަރެވެ. ޓްރިވެންޑްރަމްއަކީ އިންޑިއާއަށްދާ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށްދާ އެއްސިޓީއެވެ.

މޯލްޑިވިއަނުން ދަނީ ރާޢްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފުރުޞަތު ލިބޭ ވަރަކުން އެޤައުމުތަކަށް ދަތުރު ކުރަމުންނެވެ. އެގޮތުން މެލޭޝިޔާގައި ތިބި ދިވެހިން ގެނައުމަށް ހަމަޖެހިފައިވާ ފްލައިޓު މިރޭގެ ވަގުތެއްގައި އެޤައުމުން ފުރާނެކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. މޯލްޑިވިއަނުން ވަނީ ސްރީ ލަންކާ އާއި އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އާދީއްތަ ދުވަހާއި ހޯމަ ދުވަހު އެ ދެ ޤައުމަށް ދަތުރުތަކެއް ބާއްވާފައެވެ.