ޚަބަރު

މިއަދު މާލެގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ - ސްޓެލްކޯ


ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ މިއަދު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ އެ ކުންފުނިން މާލެއަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ޖަނަރޭޓަރު ހަލާކުވެ، ބޭނުން ނުކުރެވިވާ މިދަނޑިވަޅަކީ ކަރަންޓްގެ ލޯޑް ބޮޑުވުން އެކަށީގެންވާ ދަނޑިވަޅެއް ކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކަކަށްފަހު މިއަދު ސަރުކާރު ހުޅުވުނު އިރު ކަރަންޓް ބޭނުންކުރާ މިންވަރު މަތިވެފައިވާތީ ޕީކް ގަޑިތަކުގައި ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށްވެސް ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ސަރުކާރު އޮފީސްތައް ހުޅުވުމަށްފަހު އެއަރ ކޮންޑިޝަންފަދަ ކަރަންޓް މަތިން ނަގާ ތަކެތި ބޭނުންކުރަން ފަށާފައިވާތީ ކަރަންޓްގެ ލޯޑް ބޮޑުވެފައިވާ ކަމަށެވެ. މި މައްސަލައަށް ހައްލެއް ލިބިގެންދާނީ އައްޑޫއިން ގެނައި ދެ މެގަ ވޯޓްގެ ދެ ޖަނަރޭޓަރު އިންސްޓޯލްކުރުމުން ކަމަށާއި، އެ ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިއަދު ހެނދުނު ދިހައަކުން މެންދުރު ފަހު ތިނެއް ޖަހަންދެން ކަރަންޓް ބޭނުންކުރާ މިންވަރު މަދު ކުރުމަށްވެސް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ. ސްޓެލްކޯގައި ބޭނުންކުރާ އެންމެ ބޮޑު ޖަރަނޭޓަރު ހަލާކުވެފައިވަނީ މީގެ ދެހަފްތާކުރިންނެވ. 9 މެގަ ވޯޓްގެ އެ ޖަނަރޭޓަރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މި ޖަނަރޭޓަރު ހަލާކުވިއިރު މިނިވަން ފަންސާހަށް ތައްޔާރުވުމަށް މާލޭގައި ދިޔައީ ބޮކި ފަތި ދިއްލުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ކަރަންޓްގެ ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިންވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު 1.6 މެގަ ވޯޓްގެ ދެ ޖަނަރޭޓަރު އިންސްޓޯލްކޮށް އެ ޖަނަރޭޓަރުތަކުންވެސް ކަރަންޓް ފޯރުކޮށްދެން ފަށާފައެވެ. ނަމަވެސް އަލަށް އިތުރުކުރި ޖަނަރޭޓަރުތަކުން އުފައްދާ ކަރަންޓަކީ މާލޭގައި ރަސްމީ ދުވަސްތަކުގައި ޕީކް ގަޑިތަކަށް އެކަށީގެންވާ އަދަދެއްގެ ކަރަންޓް ނޫންކަމަށް ސްޓެލްކޯއިން ބުނެއެވެ. ކަރަންޓް ކަނޑަން ޖެހޭނަމަ ކަރަންޓް ކަނޑަމުންދާނީ މާލޭގެ އެކި ސަރަހައްދުތަކުން ކަމަށާއި، މިކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ކަރަންޓް ކެނޑުމުގައި ދިމާވާ މައްސަލަތައް ރަގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.