ޚަބަރު

ކޯވިޑް-19 : ބިދޭސީންނަށް ހާއްސަކުރި ފުލޫ ކުލިނިކް އާއްމު ފުލޫ ކުލިނިކަކަށް ބަދަލުކޮށްފި


ކޯވިޑް-19 އާއި ގުޅިގެން ބިދޭސީންނަށް ހާއްސަކޮށް ހުޅުވި ފުލޫ ކުލިނިކް އާއްމު ފުލޫކުލިނިކަކަށް ބަދަލުކޮށްފިއެވެ.

ހުޅުމާލެ އޯޓިޒަމް ސެންޓަރުކައިރީގައި އިމާޜާތްކޮށްފައިވާ މިފުލޫ ކުލިނިކް ހިންގަނީ ހުޅުމާލެ ހޮސްޕިޓަލުގެ ދަށުންނެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، އެފުލޫ ކުލިނިކުން ދިވެހިންނާއި ބިދޭސީންނަށްވެސް ޚިދުމަތްދޭނެ ކަމަށެވެ. މިގޮތުން ލީގަލް ޑޮކިއުމެންޓެއް އަތުގައި ނެތް ބިދޭސީންނަށްވެސް އެކުލިނިކުން ޚިދުމަތްދޭނެ ކަމުގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެހޮސްޕިޓަލުން ވިދާޅުވީ، ދިވެހިންނާއި ބިދޭސީންނަށްވެސް އެފުލޫ ކުލިނިކަށް ޑޮކްޓަރަށް ދެއްކޭގޮތަށް ހަމަޖައްސާފައި ވާއިރު، އެތަނުން ޚިދުމަތް ހޯއްދެވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

ފުލޫކުލިނިކުގައި މަސައްކަތް ކުރައްވާނީ، ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނެވެ.

މިގޮތަށް ބަދަލު ކުރެއްވީ ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން މެނޭޖުކޮށް ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މަދުކުރުމުގެ ގޮތުންނެވެ. އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާ ބޭފުޅުން ސްކްރީންކޮށް އެބޭފުޅުން ބޭނުންފުޅުވާ ކަމަކާއި ގުޅޭ ގޮތުން ސުވާލު ކުރާނެ ކަމުގައިވެސް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލުން މިހާރު އޯޕީޑީގެ ޚިދުމަތް ދެމުންގެންދާނީ، ހޮނިހިރު ދުވަހާއި، އަންގާރަ ދުވަހާއި، އަދި ބުރާސްފަތި ދުވަހުގައި ކަމަށެވެ. އެހެންނަމަވެސް މާބަނޑު މީހުންނަށް މޮބައިލް ޚިދުމަތް ހުރިހާވަގުތެއްގައިވެސް ފޯރުކޮށްދެވޭނެކަމުގައި އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ހުޅުވި ޓްރެވަލް ކުލިނިކްވެސް މިހާރު ވަނީ ރޯގާގެ އާއްމު ކުލިނިކަކަށް ބަދަލުކޮށްފައެވެ.