ކޯވިޑް-19އަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މެސެޖެއް ފޮނުއްވައިފިއެވެ.
އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާފައިވެއެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ މީގެ 11 ދުވަސްކުރިންނެވެ. އަދި ބަލީގެ ސަބަބުން އިތުރު ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ރޭގެ ވަގުތެއްގައި ބޮޑުވަޒީރުގެ ބަލި ހާލު އިތުރަށް ގޯސްވުމުން ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި އިނގިރޭސި ބޮޑުވަޒީރުގެ ބަލިހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވުމުގެ އިތުރުން، ކޯވިޑް-19 ހުއްޓުވުމަށް މުޅި ދުނިޔޭގައި މިހާރު ވަކިވަކި ފަރުދުންނާއި އަދި މުޖުތަމަޢުތައް އެކުގައި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމި އޮތުމަށް އެދިވަޑައިގަންނަވަމުންނެވެ.
ބޮރިސް ޖޯންސަން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެނގުމުން އުމުރުން 55 އަހަރުގެ ޖޯންސަން ވަނީ ޑައުނިންގ ސްޓްރީޓުގެ އެޕާޓްމަންޓެއްގައި އެކަހެރިވެވަޑައިގަންނަވާފައެވެ. އެއަށްފަހު ބަލީ އަލާމަތްތައް ގިނައިން ފެނުމާއި އަދި ހުން ނުފިލާ ހުރުމުގެ ސަބަބުން ޖޯންސަން ވަނީ އިތުރު ޓެސްޓްތަކެއް ހެދުމަށް މީގެ ދުވަސްކޮޅެއްކުރިން ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ޖޯންސަން އައިސީޔޫއަށް ބަދަލުކުރީ އެޑުމިޓް ކުރިފަހުން ހާލު ދެރަވުމާއި ގުޅިގެނެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ އޮފީހުން ވިދާޅުވީ ޖޯންސަންގެ ބަދަލުގައި މިވަގުތު ސަރުކާރު ހިންގަވާނީ އެގައުމުގެ ފޮރިން ސެކްރެޓަރީ ޑޮމްނިކް ރާބް ކަމަށެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް ޖުމްލަ 51806 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.