ވިޔަފާރި

ފަގީރު ޤައުމުތަކުން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހަދައިދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި


ފަގީރު ޤައުމުތަކުން އަނބުރާ ދައްކަންޖެހޭ ލޯނުތަކަށް މިއަހަރު ލުއި ގޮތްތަކެއް ހެދުމަށް ގޮވާލާ ބައިނަލްއަޤްވާމީ ކެމްޕެއިނެއް ފަށައިފިއެވެ.

ފަޤީރު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން މާލީ އިދާރާތަކާއި އެކި ޤައުމުތަކަށް ދައްކަންޖެހޭ ލޯނު ފައިސާއަށް ލުއި ގޮތްތަކެއް ހެދުމަށް ގޮވާލާ ބައިނަލްއަޤްވާމީ ކެމްޕެއިނެއް ފަށާފައި މިވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޖީ-ޓުވެންޓީގެ ބައްދަލުވުމަކާ ދިމާކޮށެވެ.

ޤައުމުތަކުން އަނބުރާ ދައްކަންޖެހޭ ފައިސާއަށް ލުއި ގޮތްތަކެއް ހެދުމަށް ގޮވާލާ ފަށައިގެން އުޅޭ ކެމްޕެއިންގައި އިސްކޮށް އުޅެނީ އިނގިރޭސިވިލާތުގެ ޖުބިލީ ޑެޓް ކެމްޕެއިންނެވެ. އަދި މިކެމްޕެއިންގައި އެޖަމުއިއްޔާއާއެކު ބައިނަލްއަޤްވާމީ 100 ޖަމުޢިއްޔާއަކުން ދަނީ ބައިވެރިވަމުންނެވެ.

ލޯނުތަކަށް ލުއި ދިނުމަށް ގޮވާލާ ކެމްޕެއިން އިންތިޒާމްކުރާ ފަރާތްތަކުން ބުނާގޮތުން މިކެމްޕެއިންގެ އެންމެ ބޮޑު މަޤްޞަދަކީ ކޮރޯނާވައިރަސްގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި އުނދަގޫ ހާލަތުގައި ދައްކަންޖެހޭ ލޯނުތަކަށް ލުޔެއް ހޯދައިދިނުމެވެ.

ޚަބަރުތައް ބުނާގޮތުން ފަގީރު ޤައުމުތަކުންނާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ލޯނު ފައިސާގެ ގޮތުގައި މިއަހަރު 25 ބިލިއަން ޑޮލަރު އެކި ފަރާތްތަކަށް ދައްކަންޖެހެއެވެ. މިކެމްޕެއިންގައި ހަރަކާތްތެރިވާ އެކި ޖަމުޢިއްޔާތަކުން މިހާރުވެސް ވަނީ ލޯނުތަކަށް ލުޔެއް ހޯދުމަށް ޤައުމުތަކުގެ ވެރިންނާއި މާލީ އިދާރާތަކުގެ ވެރިންނަށް ދަންނަވާފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން ކޮރޯނާވައިރަސްގެ ސަބަބުން ޤައުމުތަކަށް ވަނީ އިޤްތިޞާދީގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ. އަދި އިޤްތިޞާދީ ގެއްލުންތަކާއެކު ސިއްހީ ނުރައްކަލުގެ އިމަންޖެންސީއެއް ކުރިމަތިވުމުން ޤައުމުތަކަށް އިތުރު ދަތިތައް ކުރިމަތިވާނޭކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. އަދި މިވަގުތު ޤައުމުތަކުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ލޯނުތަކަށް ލުޔެއް ދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. އެހެންކަމުން ޤައުމުތަކުގައި ހުރި ފައިސާ ލޯނުތައް ދެއްކުމުގެ ބަދަލުގައި ކޯވިޑް19އިން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ޚަރަދުކުރުން މުހިއްމުކަމަށާއި އަދި ރައްޔިތުންގެ ފައިސާއިން ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަކީ އިސްރާފެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އެންމެ ފަގީރު 69 ޤައުމަކުން ނަގާފައިވާ ލޯނުތަކަށް މިއަހަރު 19.5 ބިލިއަން ޑޮލަރު މާލީ އިދާރާތަކާއި ޤައުމުތަކަށް ދައްކަންޖެހެއެވެ. އަދި 6 ބިލިއަން ޑޮލަރު އަމިއްލަ ބައެއް ފަރާތްތަކަށްވެސް ޤައުމުތަކުން ދައްކަންޖެހެއެވެ.

އިޤްތިޞާދަށް ކުރާ އަސަރުތައް ކުޑަކުރުމަށް އައިއެމްއެފް އާއި ވޯލްޑް ބެންކުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އިމަޖެންސީ ފައިނޭންސްއަށް އައިއެމްއެފްއިން 50 ބިލިއަން ޑޮލަރު ހަމަޖައްސާފައިވާއިރު، ވޯލްޑް ބެންކުން ވަނީ 14 ބިލިއަން ޑޮލަރުގެ ފަންޑެއް އެންމެ ނާޒުކުކޮށް އޮތް ޤައުމުތަކަށް ހަމަޖައްސާފައެވެ.