ޚަބަރު

ކޯވިޑް-19 : މަނާވަގުތުގައި ބޭރަށް ނުކުމެ އުޅުނު 183 މީހަކަށް އިއްޔެވެސް ނަސޭހަތް ދީފި


ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތުތަކުގައި ބޭރަށް އިއްޔެ ނިކުތް މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުތުން މަނާކޮށްފައިވާތާ އިއްޔެއަށް ފަސްދުވަސްވެފައިވާއިރު އިއްޔެވެސް މިވަގުތު ބޭރަށް ނިކުތް 183 މީހަކަށްވަނީ ނަސޭހަތްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 150 ދިވެހިންނާއި 33 ބިދޭސީންނެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 6 މީހަކަށް އިއްޔެ ވަނީ ދެވަނަ ފަހަރަށް ނަސޭހަތް ދީފައެވެ. އަދި އެކަކު ވަނީ ޖޫރިމަނާކޮށްފައެވެ. މިއީ މިހާތަނަށް ބޭރަށް ނިކުތުން މަނާ ގަޑީގައި ޖޫރިމަނާ ކުރި ދެވަނަ މީހާއެވެ.

ކާފިއު ވަގުތުގައި ބޭރުތެރޭގައި އުޅޭ މީހުން ޖޫރިމަނާއާ ހަމަ އަށް ދަނީ ދެ ފަހަރަށް ނަސޭހަތްދީ، އަދި އިންޒާރަށް ފަހު ފުލުހުންގެ ރެކޯޑަށް ބަލާފައެވެ.

މިމަހުގެ 2 ވަނަ ދުވަހުންގެ ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް

  • 2 އޭޕްރީލް 2020 - 95 މީހަކަށް ނަސޭހަތްދީފައި
  • 3 އޭޕްރީލް 2020 - 151 މީހަކަށް ނަސޭހަތްދީފައި
  • 4 އޭޕްރީލް 2020 - 141 މީހަކަށް ނަސޭހަތްދީފައި
  • 5 އޭޕްރީލް 2020 - 139 މީހަކަށް ނަސޭހަތްދީފައި
  • 6 އޭޕްރީލް 2020- 183 މީހަކަށް ނަސޭހަތްދީފައި


މިހާތަނަށް ޖޫރިމަނާކޮށްފައިވަނީ 2 މީހެކެވެ.

މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެވެސް ހަވީރު 5 އިން ރޭގަނޑު 8 އާ ހަމައަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި މީހުން ނިކުމެ އުޅުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.

މާލެ ސަރަހައްދުގައި މީހުންނަށް ނުކުމެއުޅުން މަނާކޮށްފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށާއި، ރައްޔިތުންގެ ޞިއްޙީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށެވެ. މިނިންމެވުން ނިންމަވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން މިމަހުގެ 1 ދުވަހުއެވެ.