ޚަބަރު

ކޯވިޑް-19 : ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނީ ކޮންއިރަކުން ކަމެއް ނޭނގޭ، މިއީ ބިރުވެރިކަމެއް - މިނިސްޓަރ އަމީން


ކޯވިޑް-19ގެ ޙާލަތުގައި ކަންފަސޭހަކޮށްގެން ތިބެފިނަމަ، ހޯދައި ނުފެންނަހާ ފަހަތަށް ރާއްޖެ ހިންގައިދާނެކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއެވެ.

ވޯލްޑް ހެލްތް އޮގަނައިޒެޝަން (ޑަބްލިއުއެޗްއޯ)އިން ކޯވިޑް-19އަށް ޓެސްޓުކުރާ ކިޓް ރާއްޖެއާ ޙަވާލުކުރުމަށް ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އިޤްތިޞާދީގޮތުންނާއި، ސިއްޙީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް މުއްސަނދި ޤައުމުތަކަށް ކޯވިޑް-19ގެ ސަބަބުން ވެގެންދާ ގޮތުން މިސާލު ނަގަންޖެހޭކަމަށެވެ. އެމެރިކާފަދަ މުއްސަނދި ޤައުމުތަކާއި، ޔޫރަޕާއި އޭޝިއާގެ ބޮޑެތި ޤައުމުތަކުން ފެންނަނީ އެމީހުންގެ ތަޖުރިބާއާއި ނުބައްދަލު ޙާލަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދުނިޔޭގެ ތަޖުރިބާއަށް ބަލައި ކަންފަސޭހަކޮށްގެން ވާކަށްނެތް. ހޯދާ ނުފެންނަ ހިސާބަށް މިރާއްޖެ ހިނގައިދާނެ. ރާއްޖެއަކީ އެހެންޤައުމުތަކާއި ބަލާއިރު ވަސީލަތް މަދު ޤައުމެއް. މުޅި ޤައުމުގެ އިޤްތިސާދު މުޅިން ދަށަށް ހިނގައިދާނެ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މިނިސްޓްރީގެ އިލްތިމާސް ލުއިކޮށް ދެކިގެން ތިބެވެން ނެތްކަމަށެވެ. އަދި ކަމާގުޅުންހުރި ފަރާތްތަކުންދޭ ކޮންމެ އިރުޝާދަކީ ތިމާއާއި އެހެން މީހުންގެ ފުރާނަ ރައްކާތެރިކުރުމަށްދޭ މުހިންމު އިރުޝާދުތަކެއްކަން ދަންނަން ޖެހޭ ކަމަށެވެ. މިނިސްޓަރ ވަނީ މިފަދަ އިރުޝާދުތަކަށް ތަބާވެ އަމަލު ކުރުމަކީ ސިއްޙީ ޚިދުމަތްތެރިންނާއި ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުން ހުއްޓާނުލައި 24 ގަޑިއިރު ކުރަމުންދާ މަސައްކަތައް ލިބިގެންދާނެ ހިތްވަރެއްކަންވެސް ފާހަގަކުރައްވާފައެވެ. އަދި ސިއްޙީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތް އާންމުންނަށް ނުފެނުނު ނަމަވެސް އެ ފަރާތްތަކުން ކުރަމުންދަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

"ބޯމަތީގައި އޮތް ވިލާގަނޑެއް ނުދޭ. ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނީ ކޮންއިރަކުން ކަމެއް ނޭނގޭ. މިކަމުގައި ޤައުމުތަކުގެ އެކި ނިޒާމުތައް ފުނޑިގެންއެބަދޭ. އިގްތިޞާދު ފުނޑިގެންދަނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ މި ދަނޑިވަޅުގެ "ލޯޑު" އެންމެ ބޮޑީ މާލެ ސަރަޙައްދުގައިކަމަށެވެ. އެގޮތުން މާލޭގައި މީހުން އެއްވެ ނޫޅުމަށް އަންގާފައިވާ ވަގުތުތަކަށް މީހުންދޭ ސަމާލުކަން ފާހަނގަވިނަމަވެސް، އެހެން ގަޑިތަކުގައި އަދިވެސް ފެންނަނީ އެންމެ ފެންނަން ބޭނުން ނޫން މަންޒަރުކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މާލެއާއި އެކި ރަށްރަށުގެ ރައްޔިތުންވެސް އެޗްޕީއޭގެ އިލްތިމާސްތައް ލުއިކޮށް ނުނަގައި އެކަންކަމަށް ޢަމަލުކުރުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

"މިހާރުވެސް ރޭގަނޑު 8 ޖެހުމާއިއެކު ފެންނަނީ އެހާ ރަނގަޅު މަންޒަރެއްނޫން. އަށެއްޖަހާއިރު ފެންނަ މަންޒަރުން ކަށަވަރެއް ނުކުރެވޭ އިލްތިމާސަށް ކަންކަން ދާކަމެއް. ސޯޝަލް ޑިސްޓެންސިންގއާއި އަދި އޮންލައިންކޮށް ޚިދުމަތްތައް ހޯދުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 19މީހުންނަށްވަނީ ކޯވިޑް 19ޖެހިފައެވެ. އަދި މިހާތަނަށް 13 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މީގެތެރެއިން 2 މީހުންގެ ގައިގައި ވައިރަސްހުރިކަން އެނގުނީ ދިވެހިރާއްޖެއިން ފުރިފަހުންނެވެ. މިހާރު ރާއްޖޭގައި ތިބީ ކޯވިޑް-19 ޖެހިފައިވާ 4 މީހެކެވެ. މި 4 މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެއައި 4 ދިވެހިންނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މި ބަލި ދިވެހި މުޖުތަމަޢުގެ ތެރޭގައި ފެތުރެމުން ނުދިޔަނަމަވެސް މިކަން މިގޮތުގައި ބޭއްވުމުގައާއި ފެތުރުން ހުއްޓުވުމައި އެންމެ ބޮޑު ދައުރެއް އަދާ ކުރެވޭނީ އާންމު ރައްޔިތުންނަށް ކަމުން ކޮންމެ ފަރުދަކުވެސް މިކަމަށް ސަމާލުވާންޖެހޭ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އާންމުން ބޭރުތެރޭގައި އުޅޭ މިންވަރާއި ޚާއްޞަކޮށް މަނާ ވަގުތުތަކުގައި ބޭރަށް ނިކުންނަ މިންވަރު އިތުރުވާނަމަ މި ޙާލަތު ނުރައްކާވުމަކީ އެކަށީގެންވާކަމެއްކަމުން އެންމެންވެސް ގޭގަތިބުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.