ޚަބަރު

މެލޭޝިއާއިން ގެންނަނީ 200މީހުން، ޓިކެޓް ވިއްކަން ފަށައިފި


ކޯވިޑް-19އާ ގުޅިން ކުރިމަތިވެފައިވާ ޙާލަތުގައި މެލޭޝިއާގައި ނާދެވިތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން ބުދަ ދުވަހު ޚާއްސަ ދަތުރެއް ކުރަން ހަމަޖައްސައިފިއެވެ.

މިދަތުރުގައި ރާއްޖެ އަންނަން ބޭނުންވާ މީހުން ޓިކެޓް ގަތުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިދަތުރު ކުރަނީ 200މީހުންގެ ޖާގައިގެ ފްލައިޓެއްގައެވެ. މޯލްޑިވިއަންއިން ބުނެފައިވަނީ މިދަތުރުގެ ޓިކެޓް ވިއްކަނީ ސީޓަކަށް 330 ޑޮލަަރަށްކަމަށެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ މިފްލައިޓްގެ ދަތުރުގެ ޝެޑިއުލަށްގެނައި ބަދަލާއެކު އެ ބަދަލުތައް މޯލްޑިވިއަންގެ ވެބްސައިޓުން ފެންނާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ. އަދި މިބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާތީ ޓިކެޓް ގަތުން ގަޑިއެއްހާއިރަށް މެދުކަނޑާލާފައިވާކަމަށެވެ.

"ޓިކެޓް ގަނެވޭނީ އޮންލައިންކޮށް އެކަނި. 8ވަނަ ދުވަހު ޕްލައިޓް އޮންނާނީ. އިސްކަންދެނީ މިވަގުތަށް ރާއްޖެއަށް އައުން މުހިންމު މީހުންނަށް ބަލައިގެން." މޫސާ ވަސީމް ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ މިފްލައިޓްތަކަކީ މެލެޝިއާގައިތިބި މީހުން ބަލައި ދަތުރުކުރާ ފްލައިޓަކަށްވާތީ، ފްލައިޓް އެކޮޅަށް ދަތުރުކުރާއިރު އެއްވެސް އެއްޗެއް މެލޭޝިއާއަށް ނުގެންދާނެކަމަށެވެ.

ނޫސްވެރިންވަނީ ފްލައިޓް ޓިކެޓްގެ އަގުތަށް ބޮޑުވުމާއި ގުޅިގެން އެކަމުގައި ސުވާލު އުފައްދާފައެވެ. މޫސާ ވިދާޅުވީ މިހާރު ކުރާ ދަތުރުތަކަކީ ދަތުރުކުރުމަށް ހޭދަވާ އަގުގެ އިތުރަށް އެއްވެސް ފައިދާއަކާއި ނުލާ ކުރާ ދަތުރުތަކެއްކަމަށެވެ. އަދި އަގު ބޮޑުވަނީ މިއީ ހަމައެކަނި މީހުން ބަލައިދާ ފްލައިޓަށްވާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފްލައިޓް އެޤައުމަށްދާއިރު މިކޮޅުން މީހުންނެއް ނުގެންދެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށްވެސްވަނީ ބަދަލުތައް ގެނެސްފައެވެ. އެގޮތުން އައްޑުއާއި ފުވައްމުލަކަށްވެސް މިހާރު ކުރަނީ ދުވާލަކު 1 ދަތުރެވެ.

"މިހާރުވެސް އެބަ ކޯލްތައް އާދޭ. ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުން ދޫކޮށްލުމާއި ގުޅިގެން އެމީހުން ދަތުރުކުރަން ބޭނުންވެގެން. މިދަނީ އެކަން ބަލަމުން، ދަތުރުތަށް އިތުރުކުރާނަން. އެކަމަށް އިންތިޒާމެއް ހަމަޖެއްސުމަށް މަޝްވަރާކުރޭ." މޫސާ ވަސީމް ވިދާޅުވިއެވެ.

މޯލްޑިވިއައުންވަނީ ސްރީލަންކާގައި ތިބި 100 ދިވެހިންވެސް އިއްޔެ ގެނެސްފައެވެ. ސްރީ ލަންކާއަށް ހުޅުވާލި ފުރުސަތުގައިވެސް ހާހަކަށްވުރެ ގިނަ މީހުން އަންނަ ބޭނުންވެގެން އެދުނެވެ. އަދި ސަރުކާރުން އެދެމުންދާވަރަކަށް އިތުރު ފްލައިޓްތައް ބާއްވާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.