ވިޔަފާރި

އެންޒީގެ މަސް ދަޅުތަކުން 3 ރުފިޔާ ހެޔޮކޮށްފި


އެންޒީން ވިއްކާ މަސްދަޅުތަކުން 3 ރުފިޔާ އަގު ހެޔޮކޮށްފިއެވެ.

އެންޒީން ބުނީ މި ބަދަލާއެކު 15 ރުފިޔާއަށް މިހާރު ލިބޭ ތެޔޮ މަސް ދަޅު 12 ރުފިޔާއަށް އަދި ފެން މަސްދަޅު 11:50 ރުފިޔާއަށް ގަންނަން ލިބޭނެކަމަށް އެންޒީން ބުނެއެވެ. އަދި ތެޔޮ މަސްދަޅު ކޭހެއް 555 ރުފިޔާއަށް އަދި ފެން މަސް ކޭހެއް 530 ރުފިޔާއަށް ލިބޭނެކަމަށް ވެސް އެންޒީން ބުނެއެވެ.

އެންޒީން ބުނީ މަސްދަޅުގެ އަގު ހެޔޮކޮށްފައިވަނީ ކޯވިޑް-19ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކުރުމަށްކަމަށެވެ. އަދި ކުރިއަށްއޮތީ ރަމަޟާންމަހަށް ވުމާއެކު އެންމެ ގިނައިން ގޭގޭގައި ބޭނުންކުރާ އެއް ބާވަތަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމަކީވެސް މިކަމުގެ މަޤްސަދެއްކަމަށް އެންޒީން ބުނެއެވެ.

އެންޒީގެ މަސް ދަޅުގެ އަގުތައް ހެޔޮކޮށްފައިވާއިރު މަސްދަޅު ޑެލިވަރކުރުމުގެ މަސައްކަތްވެސް އެންޒީން ދަނީ ކުރަމުންނެވެ. އެގޮތުން ހެނދުނު 8:30 އާއި ހަވީރު 4:00 ދެމެދު ގޭބީސީތަކަށާއި ބޯޓު އަދި ދޯނިފަހަރުތަކާއި ހަމައަށް މަސް ދަޅު އަދި މަސް ކޭސް ޑެލިވަރ ކޮށްދޭނެކަމަށް އެންޒީން ބުނެއެވެ.

މާލޭ ރައްޔިތުންނަށް ކަސްޓަމަރުންނަށް ޑެލިވަރީގެ ޚިދުމަތް 7248899 އަށް ގުޅުއްވުމުން ލިބޭނެއެވެ. އަދި ހުޅުމާލޭ ރައޔިތުންނަށް ޑެލިވަރީގެ ޚިދުމަތް 7258899 އަށް ގުޅުއްވުމުން ލިބޭނެއެވެ.

މަސް ދަޅު ގަންނަ ފަރާތްތަކަށް އެންޒީން ކުރިއަށްގެންދާ "އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން" ގައި ބައިވެރިވެވޭނެއެވެ. އެންޒީން ބުނީ މަސްދަޅުގެ ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 އަށް އެސް.އެމް.އެސް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ.

އެންޒީން ވަނީ އެކުންފުނިން އުފައްދާ މަސްދަޅޫ ހެޔޮ އަގެއްގައި ހުސްނުވެ އާންމުންނަށް ލިބޭނެކަމުގެ ޔަޤީންކަންދީފައެވެ. އެންސިސް ފިޝަރީޒް ކުންފުނީގެ ދަށުން ހިންގާ އެންޒީން ދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްދަޅު އަދި މަހުގެ އެކި ބާވަތްތައް އުފައްދަމުންނެވެ.