ޚަބަރު

ޗައިނާއިން 1.4 ބިލިއަން ޑޮލަރުގެ ޞިއްޙީ ސާމާނު ވިއްކައިފި


މާރޗު މަހުން ފެށިގެން 4 ބިލިއަނެއްހާ މާސްކު ބޭރު ޤައުމުތަކަށް ވިއްކާފައިވާކަމަށް ޗައިނާއިން ބުނެފިއެވެ.

ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅުގައި ގިނަ ޤައުމުތަކެއްވަނީ ގިނަ ޢަދަދެއްގެ ރައްކާތެރިކަމުގެ ސާމާނަށް ބޭނުންޖެހިފައެވެ. ޗައިނާގައި ކޯވިޑް-19 ފެތުރޭ މިންވަރު އެއްކޮށްހެން ދަށްކުރެވުމުން އެޤައުމުން މިހާރުދަނީ މާސްކާއި އެެހެނިހެން ޞިއްޙީ ސާމާނު އުފެއްދުމަށް ކާރުޚާނާތަކަށް ބާރުއަޅަމުންނެވެ. ނަމަވެސް ޗައިނާއިން އުފައްދާ ޞިއްޙީ ސާމާނުގެ ފެންވަރާމެދުވަނީ ސުވާލުއުފެދިފައެވެ.

މާރޗު މަހުން ފެށިގެން ޗައިނާއިންވަނީ 3.86 ބިލިއަން މާސްކު އުފައްދާ އެޤައުމުން ބޭރުކޮށްފައެވެ. އަދި 37.5 މިލިއަން ރައްކާތެރި ހެދުމާއި 16،000 ވެންޓިލޭޓަރާއި ކޯވިޑް-19އަށް ތަޙުލީލުކުރުމަށް ބޭނުންކުރާ 2.84 މިލިއަން ޓެސްޓު ކިޓުވަނީ 50 ޤައުމަކަށް ބޭރުކޮށްފައެވެ. އެތަކެތީގެ އަގު 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އެޤައުމުން ބުނެއެވެ. ނަމަވެސް ޗައިނާއިން އުފައްދާފައިވާ ޞިއްޙީ ސާމާނުގެ ފެންވަރާމެދު ގިނަ ޤައުމުތަކަކުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ނެދަލެންޑްސާއި ފިލިޕީންސާއި ކްރޯއެޝިޔާއާއި ތުރުކީވިލާތާއި ސްޕެއިންނަށް ޗައިނާއިން ވިއްކާފައިވާ ޞިއްޙީ ސާމާނުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް އެޤައުމުތަކުންވަނީ ފާހަގަކޮށްފައެވެ.

ފާއިތުވީ ހަފުތާގެ ތެރޭގައި ނެދަލޭންޑްސަށް ޗައިނާއިން އެތެރެކުރި 1.3 މިލިއަން މާސްކުގެ ތެރޭގައި މިންގަނޑަށް ނުފެތޭ 600،000 މާސްކު ހިމެނޭކަމަށް އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ. ނަމަވެސް އެމާސްކުތަކަކީ ސާޖިކަލް މާސްކުތަކެއް ނޫންކަމަށް މާސްކު އުފެއްދި ކާރުޚާނާއިން ސާފުކޮށް ބުނެފައިވާނެކަމަށް ޗައިނާގެ ސަރުކާރުންވަނީ މަޢުލޫމާތު ދެއެވެ. ސްޕެއިނުންވެސް ވަނީ ޗައިނާގައި އުފައްދާފައިވާ ކޯވިޑް-19 ޓެސްޓު ކިޓުތަކެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން އެސާމާނު ބޭނުންނުކުރަން ނިންމާފައެވެ. އެކިޓުތައް އުފައްދާފައިވަނީ އެފަދަ ކިޓު އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުންޏަކުން ނޫނެވެ.

ޗައިނާއިންވަނީ އެޝަކުވާތަކަށް ރައްދުދީފައެވެ. އެޤައުމުގެ ވިޔަފާރިއާބެހޭ ވުޒާރާއިންބުނީ ޗައިނާގައި އުފައްދާ ސާމާނުގެ ފެންވަރު އެހެން ޤައުމުގެ މިންގަނޑުތަކާ އެއްގޮތްނުވެދާނެކަމަށެވެ. އަދި އެކި ޤައުމުތަކުގެ މިންގަނޑުތަކާއި ސާމާނު ބޭނުންކުރާ ގޮތްވެސް ތަފާތުވާނެކަމަށް އެވުޒާރާއިން ބުނެއެވެ. ބޭނުންކުރަންޖެހޭ ގޮތްނޫން ގޮތަކަށް ސާމާނު ބޭނުންކުރުމުންވެސް މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވާކަމަށްވެސް އެވުޒާރާއިން ބުނެއެވެ.