ޚަބަރު

ރައީސް މައުމޫންގެ ކޮއްކޯފުޅު މުއުމިނާ ޢަބްދުލްޤައްޔޫމް އަވަހާރަވެއްޖެ


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު މުއުމިނާ ޢަބްދުލްޤައްޔޫމް މިއަދު އަވަހާރަވެއްޖެއެވެ. މުއުމިނާ ޢަބްދުލްޤައްޔޫމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެވެސް ދައްތާފުޅެއވެ.

މުއުމިނާ ޢަބްދުލްޤައްޔޫމަކީ ދިވެހި ދައުލަތަށް 22 އަހަރަށްވުރެގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމާއި އަމީރު އަޙްމަދު ސްކޫލާއި އަމީނިއްޔާ ސްކޫލުގެ މުދައްރިސުގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން ގަލޮޅު އަވަށު އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެކަމަނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

މުއުމިނާ ޢަބްދުލްޤައްޔޫމަކީ ދިވެހިބަހާއި އަދަބިއްޔާތަށްވެސް މުހިންމު ޚިދުމަތްތަކެއްކުރައްވާފައިވާ ބޭކަނބަލެވެ. އެކަމަނާ އަވަހާރަވިއިރު ޢުމުރުފުޅަކީ 79 އަހަރެވެ.

މުއުމިނާ ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާގައެވެ.

މުއުމިނާ ޢަބްދުލްޤައްޔޫމަކީ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ޢަދީލް ޖަލީލާއި އައިޖީއެމްއެޗްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރ އަސީލް ޖަލީލްގެ މަންމާފުޅެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލްގެ މާމަފުޅެވެ.