ޚަބަރު

ޓީވީ މެދުވެރިކުރައްވާ ދެއްވި 5 ވަނަ ހިތާބު ރާނީ ހާއްސަކުރެއްވީ ކޯވިޑަށް


ކޯވިޑް-19 އިން ރައްކާތެރިވުމަށް ހިއްވަރާއި ޖޯޝާއި އެކު މަސައްކަތް ކުރުމަށް އިނގިރޭސި ރައްޔިތުންނަށް ރާނީ އެލްޒިބަތު ގޮވާލައްވައިފިއެވެ. ރާނީ މިކަމަށް ގޮވާލެއްވީ ޓީވީ މެދުވެރިކުރައްވާ ޤައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިއީ އެކަމަނާގެ 69 އަހަރުވީ ރަނިކަމުގައި ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވާ ވާހަކަދެއްކެވި ފަސްވަނަ ފަހަރެވެ.

އިނގިރޭސިވިލާތުގައި 47،800 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 4،900އަށް އަރާފައެވެ.

ކޯވިޑް-19އާ ގުޅޭގޮތުން ރާނީ އެލިޒަބެތު ދެއްވި ޙިޠާބުގައި ވިދާޅުވީ މިއީ އުނދަގޫ ވަގުތެއް ކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ މިހާރު ކުރިމަތިވެފައިވާ ދަތި ޙާލަތުން އަރައިގަނެ ވައިރަހާ ދެކޮޅަށް ކާމިޔާބު ހޯދޭނެކަމަށް ވިދާޅުވިއެވެ. އަދި އުނދަގޫ ހާލަތްތަކުގައި އިނގިރޭސިވިލާތުގެ ރައްޔިތުން މީގެ ކުރިން ދައްކާފައިވާ ހިތްވަރާއި ޖޯޝް ކުރިއަށް އޮތްތަނުގައިވެސް ދެއްކުމަށް ރާނީ ވަނީ ގޮވާލައްވާފައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުން ކުރިމަތިލާފައިވާ ދަތި ހާލަތްތަކަށް އިޝާރާތްކުރައްވާ ރާނީ އެލިޒަބެތު ވިދާޅުވީ މިވަގުތު ކުރިމަތިވެފައިވާ ޙާލަތަކީ ޙާއްޞަ ޙާލަތެއްކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތަކީ މުޅި ދުނިޔެ އޭގައި ބައިވެރިވާ ހާލަތެއްކަމަށާއި ހުރިހާ ޤައުމެއް އެކުގައި މަސައްކަތްކޮށް، ކޮންމެ ބަޔަކަށްވެސް ލިބިފައިވާ މަޢުލޫމާތު އެހެން ޤައުމުތަކާ ޙިއްޞާކުރަމުންދާކަމަށް ރާނީ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތްކޮށް ލިބޭ ކާމިޔާބީއަކީ މުޅި ދުނިޔެއަށް ލިބޭނެ ކާމިޔާބެއްކަމަށް އޭނާ ވިދާޅުވިއެވެ.

1940ވަނަ އަހަރު ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ފުރާވަރުގެ ކުއްޖެއްގެ ގޮތުގައި ޤައުމާ ފުރަތަމަ ފަހަރަށް ކުރެއްވި މުޚާތަބަށްވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ. އޭރު ވާހަކަ ދެއްކެވީ ހަނގުރާމައިން ރައްކާތެރިވުމަށްޓަކައި ގެދޮރާއި ޢާއިލާ ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވި ކުދިންނަށް ހިތްވަރުދެއްވުމަށެވެ.

ޢާއިލާއާ ވަކިވާން ޖެހުމުން އެދުވަހު ކުރަންޖެހުނު އިޙުސާސްތައް މިއަދުވެސް ޤައުމުގެ ރައްޔިތުންނަށް ކުރެވޭނެކަމަށް ފާހަގަކުރައްވާ ރާނީ އެލިޒަބަތު ވިދާޅުވީ އެންމެންގެ ރައްކަލަށް މިވަގުތު އެކަހެރިވާން ޖެހުނުނަމަވެސް ވައިރަހުގެ ވަބާއިން ސަލާމަތްވުމުން އަލުން އެންމެން އެކުގައި ބައްދަލުވާނެކަމަށެވެ. އަދި މިޙާލަތުގައި ޤައުމުގެ ރައްޔިތުން ދައްކާ ނަމޫނާއާއި އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ފަހުން ފަޚުރުވެރިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ރާނީ އެލިޒަބަތުވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންނަށް އެކަމަނާގެ ޚިޠާބުގގައި ޝުކުރު ޢަދާކުރައްވާފައެވެ