ޚަބަރު

އިންޑިޔާއަށް އުފަންވި އެއްމާބަނޑު ދެކުދިންނަށް ވައިރަހުގެ ނަމުން ނަންކިޔައިފި


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން އިންޑިޔާގައި އުފަންވި އެއްމާބަނޑު ދެކުދިންނަށް ވައިރަހުގެ ނަމުން ނަންކިޔައިފިއެވެ. އެދެކުދިންނަށް ކިޔާފައިވަނީ ކޮރޯނާ އަދި ކޮވިޑްއެވެ. އެކުދިންގެ މައިންބަފައިން ބުނާގޮތުގައި ކޮރޯނާވައިރަހާ ގުޅުވައިގެން ނަން ކިޔަން ނިންމީ ވިހެއުމުގައި ދިމާވި ދަތިތަކާއި ތަޙައްމަލުކުރަން ޖެހުނު ވޭން ހަނދާންކޮށްދޭނެ ރަމްޒެއްގެގޮތުގައެވެ،

އިންޑިޔާގެ ޗައްޓިސްގަރުގެ ރައިޕޫރަށް އުފަންވި ދެކުދިންނަށް އެނަންތައް ކިޔުމުގެ ސަބަބުން ވަރަށް ބޮޑު މަޝްހޫރުކަމެއްވަނީ ލިބިފައެވެ. ކޮރޯނާ އަދި ކޮވިޑް ރަމްޒުކޮށްދެނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ޙާލަތުކަމަށް އެކުދިންގެ މަންމަ ބުންޏެވެ.

އެކުދިންގެ މަންމަ، 27 އަހަރުގެ ޕްރީތި ވަރްމާ އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ އެނަންތައް ކިޔަން އެންމެ ބޮޑަށް ބޭނުންވީ ކޮވިޑް-19އާ ގުޅިގެން އިންޑިޔާގައި އިއުލާނުކޮށްފައިވާ ފުރަބަންދާ ދިމާކޮށް ވިހެއުމުގައި ދިމާވި ދަތިތަކުގެ ސަބަބުންނެވެ. އެގޮތުން އެކުދިންގެ މަންމަ މައުލޫމާތުދީފައިވާގޮތުގައި ހޮސްޕިޓަލަށް ދާން ވަރަށް ގިނައިރު ނެގިއެވެ. އަދި އާއިލާގެ އެއްވެސް މީހަކު ވިހެއުމުގެ ތެރޭގައި އޭނާއާއެކު ނެތެވެ. ޕްރީތި ބުނީ އާއިލާގެ އެންމެންވެސް ތިބީ އެދުވަހު ފުރަބަންދުގެ ސަބަބުން ގޭގައި ތާށިވެފައިކަމަށާއި ހޮސްޕިޓަލަށް ދިޔުމުގެ މަގުމަތީގައިވެސް ފުލުހުން ވަރަށް ގިނަފަހަރު މަތިން އެމީހުން ހުއްޓުވާ ސުވާލުކޮށްފައިވާކަމަށެވެ.

ޕްރީތި ބުނީ އެހުރިހާ ކަމެއްގެ ސަބަބުން ވިހެއުމުގެ އިތުރުން ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހުނުކަމަށެވެ. އަދި އެކުދިން ވިހަން ޖެހުނީ ސިޒޭރިއަން ހަދައިގެންކަމަށްވެސް އޭނާ ބުންޏެވެ. އާދަޔާޚިލާފު ނަންތަކެއް ކިޔަން ޖެހުނު ސަބަބު އިތުރަށް ކިޔައިދެމުން ޕްރީތި ބުނީ މިހާރު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ބައެއް ރަނގަޅު ކަންކަންވެސް ފެންނަމުންދާކަށެވެ. އެގޮތުން ސާފުތާހިރުކަމާއި އަމިއްލަ ރައްކާތެރިކަން އޭނާ ފާހަގަކުރިއެވެ.

އެއްމާބަނޑު އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާއަށް ކޮރޯނާ އަދި ކޮވިޑް ކިޔާފައިވީނަމަވެސް ފަހުން އެނަންތައް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް އެކުދިންގެ މައިންބަފައިން ބުންޏެވެ.