ޚަބަރު

ކޯވިޑް-19 : ކަރަންޓީންގައި ތިބި 73 މީހަކު ދޫކޮށްލައިފި


ކޯވިޑް-19އަށް ޝައްކުކުރެވިގެން ކަރަންޓީންކުރި 73 މީހަކު ދޫކޮށްލައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން އައި މީހުންނާއި ރާއްޖޭގައި ތިބި ބައެއް މީހުންގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކޮށްފައި ތިބި މީހުންކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ، ކަރަންޓީންގެ 14 ދުވަސް ފުރިހަމަކޮށް ކޯވިޑަށް ޓެސްޓުކުރުމަށްފަހު، ޓެސްޓުގެ ނަތީޖާ ނެގެޓިވްވި 73 މީހަކު ދޫކޮށްލާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު ރައްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި 809 މީހަކު އެބަތިބި ކަމަށެވެ. އަދި އޭގެ ތެރެއިން 187 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އިތުރު 47 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 12 މީހަކު ތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން މިހާތަނަށް އަރައިފޭބުން މަނާކުރި ރިސޯޓްތަކުގެ ތެރެއިން 9 ރިސޯޓަކަށް މީހުން އަރައިފޭބުމުގެ ހުއްދަ މިއަދު ދީފައިވާއިރު، 15 ސަފާރީއަކަށްވެސް މީހުން އަރައި ފޭބުމުގެ ހުއްދަ ވަނީ ދީފައެވެ.

ރާއްޖޭގައި ކޯވިޑުން ރައްކާތެރިވުމަށް އަޅާފިޔަވަޅުތަކުގެ ތެރެއިން އަޅާ ކޮންމެ ފިޔަވަޅަކީވެސް މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކަލަށްޓަކައި އެޅޭ ފިޔަވަޅަކަށްވުމުން އެކަންކަމަށް ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވުމަށް މަބުރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޓެސްޓު ކުރުމަށް 1573 ސާމްޕަލް ނަގާފައިވާއިރު، ނެގެޓިވް ވެފައިވަނީ 1489 ސާމްޕަލެކެވެ. އަދި މިހާތަނަށް 56 ސާމްޕަލެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 23 ފްލޫކްލިނިކެއް ޤާއިމްކޮށްފައިވާއިރު އެތަންތަނުން މިހާތަނަށް 5959 މީހުން ޙިދުމަތް ހޯދާފައިވާކަމަށް މަބަުރޫކް ވިދާޅުވިއެވެ.