ވިޔަފާރި

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަނބުރާ ޤައުމަށް ފޮނުވާލުމަށް މަޝްވަރާކޮށްފި


ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ގެންދިއުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭކޭ އަބްދުލް މޮމެންއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައި ދެބޭފުޅުން ވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްޚީ އަދި އިޤްތިޞާދީ ހާލަތާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެންއާއި ހިއްސާކުރައްވާފައެވެ. އެގޮތުން ކޯވިޑް-19 ފެތުރުމުގެ ކުރިން ވެސް ބިދޭސީން ޤާނޫނީ މިންގަނޑުތަކަށް ފެއްތުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ސަރުކާރުން ކުރިއަށްގެންދިޔަކަން މިނިސްޓަރ ފާހަގަކުރައްވިއެވެ.

އަދި މި ޕްރޮގްރާމުގެ ތެރެއިން ގިނަ ބިދޭސީން ރެގިއުލަރައިޒްވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރިއްޖެ ހާލަތެއްގައި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނީ ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީންނަށްކަން ފާހަގަކުރައްވާފައެވެ.

ރާޢްޖޭގައި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން އުޅެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ މިފަދަ ހާލަތުގައި އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލުމަށް ބަންގްލަދޭޝްގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން ވަނީ މިކަމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ކޯވިޑް-19 އާއި ގުޅިގެން މި ޕްރޮގްރާމު ވަގުތީގޮތުން މެދުކަނޑާލާފައިވީ ނަމަވެސް މިއަހަރުގެ ފްބެރުއަރީ މަހުގެ ނިޔަލަށް 31000 ބިދޭސީން ރެގިއުލަރައިޒްކޮށްފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ.