ވިޔަފާރި

ކޯވިޑް-19 : "އިސްކަން ދޭންވީ ވިޔަފާރިތަކަށް މަސައްކަތްކުރެވޭ މާޙައުލެއް ފަހިކުރަން"


ކޯވިޑް-19އާ ގުޅިގެން އިޤްތިސާދީގޮތުން ހީނަރުކަން އައިސްފައިވާ މިދަނޑިވަޅުގައި ކުންފުނިތަކަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ހޯދައިދޭންޖެހޭކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ކުންފުނިން ބުނެފިއެވެ.

ކޯވިޑް-19އާ ގުޅިގެން އެކުންފުންޏަށް ވަމުންދާ ގެއްލުންތަކާއި ބެހޭގޮތުން އޭޑީކޭ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ލޮޖިސްޓިކްސް އަދި ލަގްޒަރީ ކްރޫސިންގ ވިޔަފާރިއަށް މީގެސަބަބުން ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށެވެ.

އެހެންނަމަވެސް ކުންފުނީގެ މުވައްޒަފުންނަށް މިކަމުގެ އަސަރު ނުކުރާނޭގޮތަކަށް ކަންކަން ރާވަމުންދާކަމަށްވެސް އެކުންފުނިން ބުނެއެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް ތަޢުރީފުކޮށް އޭޑީކޭއިންބުނީ މި ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއްކަމަށެވެ.

މި ދަނޑިވަޅަކީ ކޯވިޑް-19އާ ގުޅިގެން އިޤްތިޞާދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށްޓަކައި ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މިކަމަށް ބޭނުންވާ އެކްޝަން ޕްލޭން އެކުލަވާލައި އެއަށް އަމަލުކުރަންވީ ވަގުތުކަމަށް އޭޑީކޭއިން ދެކެއެވެ. މިފަދަ އެކްޝަންޕްލޭނެއް ރާޥާފައި ނެތްނަމަ، ކުންފުނިތަކުންކުރާ މަސައްކަތްތައް ހުއްޓި، މުވައްޒަފުން ދޫކޮށްލަންޖެހޭ ޙާލަތަކަށް ގިނަ ކުންފުނިތައް ހިނގައިދާނެކަމަށް އެޑީކޭއިން ބުނެއެވެ.

"މިދަނޑިވަޅަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާގުޅޭ އެހެނިހެން މުވައްސަސާތަކުން އިސްނަގައިގެން ކުދި، މެދުފަންތީގެ އަދި ބޮޑެތި ވިޔަފާރިތަކަށް މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށާއި އިގްތިޞާދީ ގެއްލުން ކުޑަކުރުމަށްޓަކައި ޚާއްސަ އިސްކަމެއްދޭންވީ ވަގުތު. މިޙާލަތުގައި ކުންފުނިތަކަށް މަސައްކަތްކުރެވޭނެ މާހައުލެއް ހޯދައިދެވިއްޖެނަމަ، މިގެއްލުންތައް ފޫބެއްދުމަށް ކަނޑައަޅާފައިވާ ސްޓިމިއުލަސް ޕެކޭޖްތަކަށް ވިޔަފާރިތަކާއި ވަކިވަކި ފަރުދުން ބަރޯސާވާ މިންވަރު ކުޑަކުރެވި މިކަމަށް އިޤްތިޞާދީ ހައްލެއް ލިބިގެން ދާނެ." އޭޑީކޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޯވިޑް-19އާ ގުޅިގެން އިޤްތިސާދު ހީނަރުވެ ވިޔަފާރިތަކަށް ގެއްލުންވަމުންދާއިރު ގިނަ ކުންފުނިތަކުން ދަނީ މުވައްޒަފުންގެ މުސާރަ ކަނޑައި ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭގޮތް ހަދަމުންނެވެ.

މިދަނޑިވަޅުގައި، ރައްޔިތުންގެ އާންމު ސިއްޙަތު ރައްކާތެރިކުރުމާއެކު، ރައްޔިތުންގެ ދިރިއުޅުމުގެ އެހެނިހެން ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ވިޔަފާރިވެރިން އެކުގައި މަސައްކަތްކުރަންޖެހޭކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ކުންފުނިން ބުނެފައެވެ.