ޚަބަރު

ކޯވިޑް-19 : އިޤްތިޞާދީ ކޮމިޓީއަށް، 4 ވަޒީރަކު ޙާޒިރުކުރަނީ


ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ޙާލަތުގައި އިޤްތިޞާދަށް ކުރާ އަސަރުތައް ކުޑަކޮށް ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކުރެއްވުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ހަތަރު ވުޒާރާއަކާއި ދެ ކުންފުންޏެއްގެ އިސްވެރިންނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ނިންމައިފިއެވެ.

އެކޮމިޓީން މިގޮތަށް ނިންމާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެކޮމިޓީގެ ބައްދަލުވުމެއްގައެވެ. މިގޮތަށް ނިންމަން ނިންމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. ކޮމިޓީން ނިންމާފައިވަނީ ވުޒާރާތަކާއި ކުންފުނިތަކުގެ ވެރިންނަށް ކޮމިޓީއަށް ވަގުތުދެއްވާނެ ދުވަހެއް ބެލުމަށްފަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ.

ސުވާލުކުރުމަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާއި ފިނޭންސް މިނިސްޓާރާއި ޓޫރިޒަމް މިނިސްޓަރާއެވެ. މީގެއިތުރުން މިފްކޯއާއި އެސްޓީއޯގެ ވެރިންނާވެސް ސުވާލުކުރުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ. ނަމަވެސް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާ ސުވާލުކުރާނެ ދުވަހެއް އަދި ކަނޑަނާޅައެވެ.

އިއްޔެ ބޭއްވި އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ކޯވީޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ވިޔަފާރިތަކަށާ، ރައްޔިތުންނަށްކުރާ ނުރަނގަޅު އަސަރުތައް ކުޑަކޮށް އެކަމުން އަރައިގަތުމަށް ސަރުކާރުން އިޢުލާންކޮށްފައިވާ އިޤްތިޞާދީ ޕެކޭޖުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ ޕެކޭޖުގައި ހިމެނޭ ކަންކަން ދިރާސާކުރުމަށް ތިން ސަބް ކޮމިޓީއެއް އެކުލަވާލުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.