ވިޔަފާރި

ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގުގައި ތަކެތި ވިއްކާ ފަރާތްތަކަށް މާދަމައިން ފެށިގެން ފިޔަވަޅު އަޅަނީ



ކޯވިޑް19 އާއި ގުޅިގެން ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ އަގު ކޮންޓްރޯލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން މާދަމައިން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން، މިވަގުތު އިޤްތިޞާދީ ޙާލަތު ހުރި ގޮތަށް ރިޢާޔަތްކޮށް، ބައެއް ތަކެތިން އަގު ކޮންޓްރޯލްކުރުމަށް ނިންމައިފައިވާކަމަށެވެ. އެގޮތުން 6 އެޕްރިލް އިން ފެށިގެން، 4 ބާވަތެއް ވަކިވަކިން (ރީޓެއިލް) ވިއްކޭނެ އެންމެ މަތީ އަގު އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ހޯމަ ދުވަހުން ފެށިގެން އާދައިގެ ރަތްފިޔާ ވިއްކޭނެ އެންމެ މަތީ އަގަކީ، ކިލޯއެއް 20 ރުފިޔާއެވެ. 1 ކިލޯގެ އާދައިގެ އަލުވީގެ އަގު 20 ރުފިޔާގައި ކޮންޓްރޯލްކޮށްފައިވާއިރު، 1 ކިލޯގެ ރީނދޫ މުގު ވިއްކޭގެ އެންމެ މަތީ އަގަކީ 45 ރުފިޔާއެވެ. އަދި ކުކުޅު ބިހެއްގެ އަގުވަނީ 1.80 ލާރިއަށް ކޮންޓްރޯލްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖަޢާ ކުރެވޭނެކަމަށެވެ. އަދި މި އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ޤަވާއިދާއި ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް ގިނަވެގެން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި، ކުށް ތަކުރާރުކުރާ ވާނަމަ 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.