ޚަބަރު

ކޯވިޑް-19 : އޭޓީއެމްތަކުންނާއި އޮންލައިންކޮށް ލިބެންހުރި ޚިދުމަތްތައް ހޯދަން ބޭންކަށް ނުދޭ


ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތަކުން ޚިދުމަތް ހޯދުމަށް އެތަންތަނަށް ދިއުމުގެ ބަދަލުގައި އޮންލައިން ޚިދުމަތާއި އޭޓީއެމް މެދުވެރިކޮށް ލިބޭ ޚިދުމަތްތައް އިޚްތިޔާރުކުރުމަށް އެބޭންކުން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލްއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. އަދި ސަރުކާރު ބަންދުވުމުން ބޭންކުން ޚިދުމަތްދޭ ވަގުތު މަދުކޮށް ހަފްތާގެ ތިން ދުވަހު ޚިދުމަތްދޭގޮތައް ހަމަޖެއްސުމުން އެ ދުވަސްތަކުގައި ގިނަ ބަޔަކު ޚިދުމަތްހޯދަން ބޭންކަށް ޖަމާވާތީއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ބީއެމްއެލްއިން ޚިދުމަތްދެމުންދާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު ވިދާޅުވީ މި ހަފްތާގެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ޚިދުމަތްދޭ ސެންޓަރުތައް ހުޅުވާނެކަމަށެވެ. އެހެން ނަމަވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ޚިދުމަތް ހޯދުމަށް ބޭންކުގެ ބްރާންޗުތަކަށް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ. ބީއެމްއެލްއިން ފޯރުކޮށްގޭ ގިނަ ޚިދުމަތްތައް އޭޓީއެމްތަކާއި އޮންލައިންކޮށް ލިބޭނެ އިންތިޒާމް އެ ބޭންކުން ވަނީ ހަމަޖައްސާފައެވެ.

މި ހަފްތާގެ ހޯމަ، އަންގާރަ އަދި ބްރާސްފަތިދުވަހު ބީއެމްއެލް ބާޒާރު ބްރާންޗު ފިޔަވައި އެ ބޭންކުގެ އެހެން ހުރިހާ ބްރާންޗުތަކާއި، ބިޒްނަސް ސެންޓަރތަކާއި ލޯން ސެންޓަރ އަދި ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވާނެއެވެ. މިތަންތަނުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 ފެށިގެން މެންދުރު 12:30 އަށެވެ.

" އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އޭޓީއެމް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ ޚިދުމަތްތައް ހޯއްދެވުމަށް ބްރާންޗަށް ކަސްޓަމަރުން ވަޑައިގަންނަވާކަން. މި ގޮތަށް ގިނަ ކަސްޓަމަރުން ބްރާންޗަށް ވަޑައިގެންނެވުމުން ބްރާންޗުގެ ކިޔު ދިގުވެ، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ވަގުތުވެސް ނަގާނެ. ބީއެމްއެލް އިން މިވަނީ ފަސަހައިން ބޭންކިންގ ޚިދުމަތް ހޯދޭނެ ގިނަ ވަސީލަތްތައް ގާއިމްކޮށްފަ. މި ގޮތުން އިންޓަރނެޓް ބޭންކިންގ އަދި ސެލްފްސަރވިސް އޭޓީއެމް ބޭނުންކޮށްގެން ވަރަށް ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހޯއްދެވޭނެ. އަޅުގަނޑުމެންގެ އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަން ނުޖެހޭ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެންނެވުން." ސައީދު ވިދާޅުވިއެވެ.

ބޭންކުގެ އިލްތިމާސަކީ ފައިސާ ނުވަތަ ޗެކު ޖަމާ ކުރަން ބޭނުންވާ ކަސްޓަމަރުން ބޭންކުގެ ބްރާންޗުތަކަށް ނުގޮސް ޑިޕޮސިޓް އޭޓީއެމް ބޭނުން ކުރުމެވެ. އޭޓީއެމްތަކުން 24 ގަޑި އިރުވެސް މި ޚިދުމަތްތައް ލިބޭނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފައިސާ އާއި ޗެކު ޖަމާކުރުމުގެ އިތުރުން އޭޓީއެމުން ފައިސާ ނަގައި، ފައިސާ ފޮނުވުމާއި، ބިލަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް އޭޓީއެމުން ލިބޭނެއެވެ.

އޭޓީއެމް އިން ފައިސާ ނެގޭ އަދަދުތަކަށް ބަލާއިރު، ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކަށް 25،000 ރުފިޔާ، ޑޮލަރ އެކައުންޓްތަކުން ދުވާލަކަށް 1،600 ޑޮލަރު އަދި އޭޓީއެމް އަށް ފައިސާ ޖަމާކުރެވޭ އަދަދުތައް އަމިއްލަ ފަރުދުންގެ އެކައުންޓަށް ދުވާލަކަށް 50،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަށް ދުވާލަކަށް 200،000 ޑޮލަރު ޖަމާކުރެވޭނެއެވެ.

އޭޓީއެމްގެ އިތުރުން ގޭގައި ތިބެގެން ބިލަށް ފައިސާ ދެއްކުމަށާއި، އެކި އެކައުންޓްތަކަށް ފައިސާ ފޮނުވުމަށާއި ކާޑާއި ލުއިލޯނަށް އެދި ހުށަހެޅުމުގެ ޚިދުމަތް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށްލިބޭނެއެވެ. އަދި އޯޑަރކުރާ އެކި ބާވަތުގެ ތަކެއްޗަށް ފައިސާ ދެއްކެވުމަށް މޮބައިލް ޕޭގެ ހިދުމަތްވެސް ބޭނުންކުރެވޭނެއެވެ.