ވިޔަފާރި

މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި


މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިން، އެމް.އެމް.އެސްގެ ފުރަތަމަ ބޯޓާއެކު ޤައުމީ ޝިޕިންގ ލައިނަރގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

"އެމްވީ އައިބީރިއަން އެކްސްޕްރެސް" ގެ ނަން ދީފައިވާ މިބޯޓު ރާއްޖެ ބަނދަރުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ބޯޓަށް މަރުޙަބާކިޔުމުގެ ގޮތުން ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވާފައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިންގެ ޚިދުމަތް ފެށުމުގެ ގޮތުން މާލޭ ވިޔަފާރި ބަނދަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދާއި މައި ކުންފުނި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރުއާއި އެމްޕީއެލް އާއި ކަސްޓަމްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން މިއަދު ރާއްޖެ ގެނެސްފައިވަނީ ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތަކެވެ. ބޯޓި ރާއްޖެއަށް ބަނދަރުކޮށްފައިވާއިރު ކަސްޓަމްސް ސަރވިސްއިން ވަނީ މުދާ ބޭލުމުގެ ހުއްދަ ވެސް ދީފައެވެ.

" އެމްވީ އައިބީރިއަން އެކްސްޕްރެސް" އަކީ 700 ކޮންޓެއިނަރގެ މުދާ އުފުލޭ ބޯޓެކެވެ. މި ބޯޓުގައި ފިނިކުރި ކާބޯތަކެތީގެ ބާވަތްތައް ގެނައުމަށް ޚާއްސަ ކޮންޓެއިނަރާއި، އާއްމު މުދާ ގެނައުމަށް ބޭނުންކުރާ ކޮންޓެއިނަރ ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޝިޕިންގލައިނާގެ ޚިދުމަތް ފެށުމަށްޓަކައި އުފައްދާފައިވާ މޯލްޑިވްސް ސްޓޭޓް ޝިފިންގ، އެމްއެސްއެސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފެންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުމެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިންގލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މީގެ އިތުރުން ނުއަގުގައި ބޭރުގެ އާގުބޯޓުތައް ބޭނުންކޮށްގެން ރާއްޖެއަށް މުދާ ގެނައުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.