ޚަބަރު

ކޯވިޑް-19 : ޗައިނާގައި މަރުވި މީހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ވަގުތުކޮޅެއް


ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީން ޑިސެމްބަރު މަހު ފެނުނު ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް 19ގައި އެޤައުމުގެ ތިން ހާސް ތިންސަތޭކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ޗައިނާ ގަޑިން ހެނދުނު 10 ޖެހިއިރު، މުޅި ޤައުމުގައި ހަމަހިމޭންކަމުގެ މި ސުކޫތު ވަނީ ގެނެސްފައެވެ. މިގަޑިއާ ދިމާކޮށް ޓްރެފިކް ވަނީ ހުއްޓާލާފައެވެ. މިގަޑިއާ ދިމާކޮށް ޗައިނާގެ އެކި ތަންތާ ހުރި ދިދަތަށްވެސް ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. މިއީ ކޯވިޑް 19 ގައި މަރުވި ޗައިނާގެ މީހުންގެ ހަނދާން އާކޮށް، އިހްތިރާމް އަދާކުރުމަށް ގެނައި ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ.

ހަމަހިމޭންކަމުގެ ތިން މިނިޓްގެ ސުކޫތު ނިމުމާއެކު ކާރުތަކާއި، ޓްރެއިނާއި ކަނޑު ބޯޓުތަކާއި، ވައިގެ އުޅަނދުތަކުގެ ބަރުގޮނުގެ އަޑާއި ސައިރަންގެ އަޑު ޖައްވުތެރެއަށް ގުގުމާލިއެވެ.

ޑިސެމްބަރު މަހު ޗައިނާގެ ހޫބެއި ޕްރޮވިންސްގެ ވޫހާންއިން ފެނުނު ކޯވިޑް-19 މުޅި ޗައިނާއަށް ހަލުވިކަމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެތުރިގެން ދިޔައެވެ. މިބަލި އެހާ ފަސޭހައިން އެހާ ބާރުމިނުގައި ޗައިނާގައި ފެތުރުނީ ބަލި ފެނުނު ދުވަސްވަރަކީ ޗައިނާގެ އައު އަހަރާއި ދިމާކޮށް މީހުން އެކި ތަންތަނަށް ޒިޔާރަތްކުރި ދުވަސް ވަރެއް ކަމުންނެވެ. ނަމަވެސް މިވައިރަސް ކޮންޓްރޯލްކުރުމަށް ޗައިނާއިން އެޅީ ވަރަށްވެސް ހަރުކަށި އެހާމެ ހަރުދަނާ ފިޔަވަޅުތަކެކެވެ.

ހުރިހާ ފެކްޓްރީއަކާއި، ވިޔަފާރިތަކެއް ބަންދުކުރީއެވެ. ސްކޫލް، ޔުނިވާރސިޓީ، ފިހާރަތަކާއި، ޕާކުތައްވެސް ބަންދުކުރީއެވެ. ގެއިން ބޭރަށް ނުކުތުން މަނާކޮށް، ފުރަބަންދަކަށް ދިޔައީއެވެ. މިފިޔަވަޅުތަކަށް ދުނިޔޭގެ ސިހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ ޗައިނާއަށް ތައުރީފްކޮށްފައެވެ.

ޗައިނާގައި 81600 އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހުނު ނަމަވެސް އެޤައުމުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިބަލި އެޤައުމުގައިވަނީ ކޮންޓްރޯލްވެފައެވެ. މިވައިރަސް ޗައިނާއިން ފެނުނު ދުވަސްވަރު ދުވާލަކަށް ސަތޭކައިން ހާހުން މިބަލީގެ ކޭސްތައް ފެނި މަރުވާ މީހުންގެ އަދަދު އިތުރުވިނަމަވެސް މިބަލިޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދުވަނީ ވަރަށްބޮޑުތަން ދަށްކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ އެކި ސަރަހައްދުތައްވަނީ އާއްމު ހާލަތަކަށް ބަދަލުވެފައި.

ނަމަވެސް މުޅި ދުނިޔެއަށް މިވައިރަސް ފެތުރި އެއްމިލައަނަށްވުރެ ގިނަ މީހުންނަށްވަނީ މިބަލި ޖެހިފައެވެ.