ޚަބަރު

ކޯވިޑް-19 : މިއަހަރު، މުއްދަތު ހަމަވެފައި އޮތަސް އައިޑީ ކާޑުން ޚިދުމަތް ލިބޭނެ


މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފަހުން، އައިޑީ ކާޑުންގެ މުއްދަތު މުއްދަތު ހަމަވެފައި އޮތްނަމަ އެކާޑު ބޭނުންކޮށްގެން ހޯދަންޖެހޭ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއިން މި އިންތިޒާމު ހަމަޖައްސާފައިވަނީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެއްދުމާއި ކާޑު އާކުރުމުގެ ޚިދުމަތް މެދުކަނޑާލާފައިވާތީއެވެ.

މިއިންތިޒާމުގެ ދަށުން އަލަށް އުފަންވާ ކުއްޖެއްނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގް ލައިސަންސް ނުވަތަ މިއަހަރުގެ ޖެނުއަރީ މަގުގެ ފުރަތަމަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ޚިދުމަތް ފޯރުކޮށްދޭން ވަނީ ހަމަޖައްސާފައެވެ. މި ގޮތައް އަމަލުކުރަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ ތިރީސްވަނަ ދުވަހުގެ ނިޔަލައްކަމަށްވެސް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުންވަނީ ހާމަކުރައްވާފައެވެ.

މިއަހަރުގެ ޖަނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުން ޚިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އާސަންދަ ކުންފުނިންވަނީ އައިޑީކާޑާއި ނުލައިވެސް ބޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާދެއްވާފައެވެ.