ޚަބަރު

ޞިއްޙީ ރައްކާތެރިކަމުގެ ސާމާނު ހޯދުމުގައި އެމެރިކާއަށް ބޮޑެތި ދަތިތަކެއް


އެމެރިކާގައި ކޯވިޑް-19 ފެތުރި އެތައް ހާސް ބަޔަކު މަރުވަމުންދާ ދަނޑިވަޅެއްގައި ޞިއްޙީ ރައްކާތެރިކަމުގެ ސާމާނު ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގެ ދެ ސްޓޭޓުކަމަށްވާ ނިޔު ޔޯކްއާއި ލޫޒިޔާނާގައި ބަލިމަޑުކަމުގައި މަރުވި މީހުންގެ އަދަދު އާދަޔާ ޚިލާފަށްވަނީ މަތިވެފައެވެ. ކޯވިޑް-19އާ ކުރިމަތިލުމުގައި އެމެރިކާގެ ޞިއްޙަތާބެހޭ ނިޒާމު ނުކުޅެދި، އިނދަޖެހި އަދި ރޫޅެމުންދާ މަންޒަރުވަނީ ފެންނަން ފަށައިފައެވެ. ކޯވިޑް-19ގެ ޝިކާރައަކަށްވެ ނިޔު ޔޯކްއާއި ލޫޒިޔާނާގައި މަރުވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު މަދުވުމުގެ ކަންބޮޑުވުން އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންނާއި މޭޔަރުންނާއި ޑޮކްޓަރުންނާއި ނަރުހުންދަނީ ފާޅުކުރަމުންނެވެ.

ރައްކާތެރި ފިޔަވަޅު އެޅުމަށް ޢާންމުން ބޭނުންވާ މާސްކުފަދަ ތަކެތި ލިބުން ދަތިވެ، ކޯވިޑް-19އާ ހަނގުރާމަ ކުރުމަށް ކުރީ ސަފުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ އަންގިއާއި މާސްކުފަދަ ތަކެތި ލިބުމުގައި ބޮޑެތި ދަތިތަކަކާވަނީ ކުރިމަތިލާންޖެހިފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ އަންމުން މާސްކްފަދަ ތަކެތި އެޅުން މަޖްބޫރޫ ނޫންކަމަށެވެ.

އެމެރިކާގެ ފެޑްރަލް ސަރުކާރުގެ ގުދަންތަކުން ސިއްޙަތާބެހޭ ރައްކާތެރިކަމުގެ ސާމާނު ހުސްވެ، އެތަކެތި ހޯދުމުގައި އެމެރިކާއަށްވަނީ ދުނިޔޭގެ ބާޒާރުގައި ވާދަކުރަން ޖެހިފައެވެ. އެމެރިކާގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރި، އެންމެ ގިނަ ބަޔަކު މަރުވަމުންދާ ނިޔު ޔޯކް ސިޓީގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވީ ޞިއްޙަތާބެހޭ ރައްކާތެރިކަމުގެ ސާމާނު ހޯދުމަށް ނިޔު ޔޯކުދަނީ ވަގުތާ ހަނގުރާމަ ކުރަމުންކަމަށެވެ. އެކަން ޙައްލުކުރުމަށް އެމެރިކާގެ ލަޝްކަރުތައް ނެރުމަށް މީގެ ކުރިން ގޮވާލެއްވި ގޮވާލުން ބްލާސިއޯވަނީ އަލުން އައު ކުރައްވާފައެވެ.