ޚަބަރު

ކޯވިޑް-19 : 13 އަހަރުގެ ދަރިފުޅު މަރުވުމުންވެސް ޖަނާޒާގައި ބައިވެރިނުވެވުނު


ކޯވިޑް 19ގެ ނުރައްކާތެރިކަމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކުން ފެށިގެން ކުދި ޤައުމުތައްވެސް ކަކޫ މައްޗަށް ތިރި ކުރި ބަލިމަޑުކަމެކެވެ. އިޤްތިސާދީ އިޖްތިމާއީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިކޮށް، އާންމު ދިރިއުޅުން އެކުގައި ބަދަލުކޮށްލި ވައިރަސްއެކެވެ. އަދިވެސް މިބަލިދަނީ ދުނިޔޭގެ އެކިޤައުމުތަކަށް ފެތުރެމުންނެވެ. އެހެންކަމުން ކުރިޔަށް އޮތް ތާނގައި ލިބޭނެ ގެއްލުވެސް އެހާ ބޮޑެވެ. މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި މިބަލިމަޑުކަމުގެ ސަބަބުން ދުނިޔެ މިވަނީ ބިރުވެރިކަންމަތީ ބަނދެވިފައެވެ.

މިބަލި ޖެހި، މީހާ މަރުވާ ހިސާބުންވެސް އަދި ނިމުނީކީ ނޫނެވެ. އާއިލާއާ ރައްޓެހިންނަށް މަރުވާ މީހާގެ ޖަނާޒާގައިވެސް ބައިވެރިނުވެވެއެވެ.

އެންމެފަހުން އިވުނު އެންމެ ހިތް ދަތި އެއް ޚަބަރަކީ ދެކުނު ލަންޑަންގެ ބްރިކްސްޓަންގައި ކޯވިޑް-19 ޖެހި މަރުވެގެން ދިޔަ 13 އަހަރުގެ އިސްމާއިލް މުހައްމަދު އަބްދުލްވައްހާބްގެ ވާހަކައެވެ. 26 މާރޗުގައި ކޯވިޑް-19 ގެ އަލާމާތްތަކާއިއެކު ލަންޑަންގެ ކިންގްސް ކޮލެޖް ހޮސްޕިޓަލުގައި އެޑްމިޓްކުރި އިސްމާއީލްއަކީ ސިއްހަތު ރަގަނޅު، ޅަ ޒުވާނެކެވެ. އޭނާގެ އެހެން އެއްވެސް ބައްޔެއް ނެތް އިސްމާޢީލް މަރުވެގެން ދިޔައީ ކޯވިޑް-19 ޖެހި ބައްޔަށް ފަރުވާދެމުންދަނިކޮށް ހިތް ހުޓިގެން ކަމަށް ޚަބަރުތައް ބުނެއެވެ. އެންމެ ދެރަކަމަކީ އާއިލާގެ މެމްބަރުންނަށް އޭނާގެ ޖަނާޒާގައިވެސް ބައިވެރިނުވެވުމެވެ. ސަބަބަކަށްވެފައިވަނީ އާއިލާގެ ދެން ތިބި އެއް ބަޑު އެއްބަފާ ދެކުދިންވެސް ކޯވިޑް އަލާމާތްތައް ހުރުމުންނެވެ. އޭނާގެ އާއިލާއިން އޭނާއާއި އަލްވަދާއުކީ އޮންލައިން ވީޑިއޯ މެދުވެރިކޮށެވެ.

ހިތް ދަތިކަމުގެ ކޮޅެއްވެސް ނެތެވެ. އަމިއްލަ ގާތް މީހަކަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ހިތައް ކުރާނެ އަސަރު ހަނދުމަކޮށްލާށެވެ. މިމިވައިރަސް ގައި ލޯބިވާ މީހަކު ނުވަތަ ގާތް ތިމާގެ މީހެއް ނުވަތަ ރައްޓެއްސަކު މަރުވެދާއިރު އޭނާއަށް އެންމެ ފަހުގެ އަލްވަދާއު ކިޔުމުންވެސް މަހުރޫމްވެއެވެ.

އެހެންކަމުން މިފަދަ ކަންކަން ހަނދުމަކޮށްގެންވެސް، މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅުގަނޑުމެން ގޭގައި ތިބުން މުހިންމެވެ. އަދި މިކަމުގައި އޮތް ހަމައެކަނި ހައްލަކީ އަމިއްލަ ރައްކާތެރިކަމާ، އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ ރައްކާތެރި ކަމަށް ގޭގައި މަޑުކުރުމެވެ. މިއީ ކުރަން ފަސޭހަ ކުޑަ ކަމެއް ނަމަވެސް ކުރެވޭ ވަރަށް ބޮޑު ކަމެވެ.

މިހާރު މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 1 މިލިއަނަށްވުރެ މަތިވެފައިވާއިރު މަރުވި މީހުންގެ އަދަދުވެސް 50 ހާހަށްވުރެ މައްޗަށްވަނީ ގޮސްފައެވެ.

ކޯވިޑް-19 އިގެ ނުރައްކާތެރިކަން ބޮޑީ މިއަށް ފަރުވާއެއް ހޯދިފައި ނުވާތީއެވެ. އާދައިގެ ރޯގާއެއްގެ ސިފަތައް ހުއްޓަސް މިއީ އާދައިގެ އެއްޗެއް ނޫނެވެ. ޖެހޭ މީހެއްގެ ފުއްޕާމެއަށް ލިބޭ ގެއްލުން އުމުރު ދުވަހު ހުންނާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިހާހިސާބުން އަދި ނިމުނީކީ ނޫނެވެ. ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ އާއިލާއަށް ލިބޭ ހިތާމަވެރިކަން އެންމެ ބޮޑު ވަނީ މިބަލި ޖެހުމުން ބަލިވާ މީހާ އެކަހެރިކޮށް، އާއިލާޔާ ރައްޓެހިންނާއި ދުރުކޮށްލާ ކޮށްލުމެވެ. އެކަނި ބަލިމަތީ މަރުވެގެން ދިއުމުން، އާއިލާއާއި ގާތް ތިމާގެ މީހުން އަދި ރަހްމަތްތެރިންނަށް ލިބޭ ހިތްދަތިކަމުގެ ކޮޅެއްވެސް ނެތެވެ.

މިބަލިން އާންމުން ރައްޔިތުން ރައްކާތެރިކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި މިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން އެތައް ޚަބަރުތަކަކާއި މަޢުލޫމާތުތަކެއްދަނީ އެކި ވަސީލަތްތައް މެދުވެރިކޮށް ފޯރުވައިދެމުންނެވެ.