ވިޔަފާރި

ކޯވިޑް-19 : ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކައުންސިލްތަކުގެ ދައުރު މުހިންމު


ކައުންސިލްތަކުން އިސްނަގައިގެން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުން މުޙިންމު ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ކޯވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން ރާއްޖެއަށް ބޭރު ޤައުމުތަކުން ތަކެތި ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކޮށް ފުޅާ ކުރަން މިވަނީ ޖެހިފައެވެ.

ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ ކޯވިޑް-19އަށް ޚާއްސަ ޝޯގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޖެނެރަލް އޮފް އެގްރިކަލްޗަރ، އިބްހާރިމް ޝަބާއު ވިދާޅުވީ ރަށްރަށުގައި ގޯތި އެޅުމަށް ބިން ދޫކުރުމަށްފަހު ދަނޑުވެރިކަމަށް ބިން ނުހުންނަ ކަމަށެވެ. އެހެންނަމަވެސް ކުދި ޖާގައިގައިވެސް ދަނޑުވެރިކަން ކުރެވޭނެކަން ޝަބާއު ފާހަގަކުރެއްވިއެވެ.

" މިހާރު ހުރި ޓެކްނޮލޮޖީގައި، ހައިޑްރޮފޯނިކްސް ކަހަލަ ކުދި ސިސްޓަމްތައް ބޭނުންކޮށްގެން ގޯތިތެރޭގައިވެސް ދަނޑުވެރިކަން ކުރެވޭނެ، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވޭ ރައްޔިތުން އުފައްދާ ތަކެތި މާރކެޓުކުރުމުގައި،" ޝަބާއު ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ރައްޔިތުން ދަނޑުވެރިކަމުން އުފައްދާ ތަކެތި މަރކެޓުކުރުމަށް ކައުންސިލްތަކުން އެހީތެރިވަމުންދާކަން ޝަބާއު ފާހަގަކުރެއްވިއެވެ. އެގޮތުން ބ.މާޅޮހުގައި ރައްޔިތުން އުފައްދާ ތަކެތި އެރަށު ކައުންސިލުން މަރކެޓުކޮށްދޭ ކަމަށާއި، މިއީ އެގޮތަށް ތަކެތި ހައްދާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަންވެސް ޝަބާޢު ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އުފެއްދުންތެރިން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ބޭރުން ކާބޯތަކެތި އިންޕޯޓް ކުރުމަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކޮށް، އުފެއްދުން އިތުރުކުރުމަށްޓަކާ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ދޭނެ ކަމަށް މިނިސްޓަރ ޒަހާވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ ދަނޑުވެރިންނަށް އެހީވުމަށް އިކޮނޮމިކް މިނިސްޓްރީ އާއިއެކުވެސް އެކި ކަންކަން ހަމަޖެއްސުމަށް މަޝްވަރާކުރަމުން ދާކަމަށެވެ. އަދި ދަނޑުވެރިކަމުން އުފައްދާ ތަކެތި ގުދަންކޮށް، މާކެޓްކުރުމަށް އެސްޓީއޯއިން އެހީތެރިވާނެކަމަށެވެ.