ޚަބަރު

ފާޠިމަތު ޖަމީލް އަވަހާރަވެއްޖެެ


ދައުލަތަށް ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިއެއްކަމަށްވާ ފާޠިމަތު ޖަމީލް އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވީ މިއަދު މެންދުރެއްހާއިރުއެވެ. މަޢުލޫމާތުލިބިފައިވާގޮތުގައި އެކަމަނާ އަވަހާރަވީ މިއަދު ކުއްލިއަކަށް ދިމާވި އާލާސްކަންފުޅަކަށް ފަރުވާހޯއްދެވުމަށް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

ފާޠިމަތު ޖަމީލަކީ، ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ ނުވަތަ ދިވެހިރާއްޖޭގެ ޖީލުލްއުސްތާޛުގެ ދޮށީ ދަރިކަނބަލުންނެވެ. ކުރީގެ ވަޒީރު ޒާހިޔާ ޒަރީރަކީ އެކަމަނާގެ ދަރިކަނބަލެކެވެ. ފާޠިމަތު ޖަމީލްވަނީ ކުރިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އެކަމަނާއަކީ 1989 އިން 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެކެވެ.

މީގެއިތުރުން އަންހެނުންގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރުމަށް 1979ވަނަ އަހަރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު އުފެއްދެވި އަންހެނުންގެ ކޮމެޓީގެ އިސްވެރިޔާހެ މަޤާމާއި، ފަހުން އެކޮމެޓީއަށްއައި ބަދަލުތަކާއެކު 1993ވަނަ އަހަރު މިނިސްޓްރީ އޮފް ވިމެން އެފެއާޒް އުފެއްދެވުމާއި ހަމައަށް އެތަނުގެ ޑިރެކްޓަރ ޖެނަރަލްކަން ކުރެއްވި ބޭކަނބަލެކެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ވިމެން އެފެއާޒްގެ ފުރަތަމާ ނާއިބަކީވެސް އެކަމަނާއެވެ.