ޚަބަރު

ކޯވިޑް-19: ނޭވާލާއިރު ބޭރުވާ ވައިންވެސް ބަލި ފެތުރޭ: ދިރާސާ


ކޯވިޑް 19 ބަލި ޖައްސާ ވައިރަސް ނޭވާލާ ވައިގެ ޒަރީއާއިން ފެތުރުމުގެ ފުރުސަތު އޮތްކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

އެމެރިކާގެ ރިސަރޗް ސެންޓަރެއްކަމަށްވާ ޔުނިވަރސިޓީ އޮފް ނެބްރަސްކާ މެޑިކަލް ސެންޓަރުން ޢާއްމުކޮށްފައިވާ މިދިރާސާގެ ނިންމުންތަކުގައި ބުނެފައި ވަނީ ވައިރަސް ހުރި މީހަކު ނޭވާލާ އިރު ބޭރުވާ ވައިގެ ޒަރީއްޔާއިންވެސް ވައިރަސް އެހެން މީހުނަށް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ. މިދިރާސާގައި އެސެންޓަރުން ބޭނުންކޮށްފައިވަނީ އެމެރިކާގައި އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި 13 މީހުން އެކަހެރިކޮށްފައިތިބި 13 ކޮޓަރިތެރޭގައި ދައުރުވި ވަޔާ އެތަންތަނުގައި ހުރި ބައެއް ތަކެތިން ސާމްޕަލް ނަގައިގެންކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

މިދިރާސާ އަދި ރަސްމީކޮށް އެއްވެސް މެޑިކަލް ސައިންސް ޖަރނަލްއެއްގައި ޝާއިޢުކޮށްފައި ނުވިނަމަވެސް މިއީ ވައިރަހާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަށްޓަކައި ޔުނިވަރސިޓީ އޮފް ނެބްރަސްކާ މެޑިކަލް ސެންޓަރުން ޢާއްމުކޮށްފައިވާ ދިރާސާގެ ޕިއަރ ރިވިއުޑް ލިޔުމެއްކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް މިދިރާސާ ވަޒަންކުރުމަށްފަހު ރަސްމީކޮށް ޝާއިއުކުރުމުގެ ކުރިން ކްލިނިކަލް ގައިޑްލައިންތައް ހެދުމުގައި ބޭނުންނުކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

މީގެކުރިން ހެދި ދިރާސާތަކުން ދައްކާގޮތުގައި މިވައިރަސް ފެތުރެނީ ހަމައެކަނި ކެއްސާ ކިނބިހި އަޅާއިރު ނުކުންނަ ކުޅުތިކިތައް ތަނެއްގައި ޖެހިފައި ހުއްޓާ އެތަނެއްގައި އަތްލުމަށްފަހު ބަލި ނެތް މީހާގެ ލޮލުގައި ނުވަތަ އަނގައިން ނުވަތަ ނޭފަތުގައި އަތްލުމުގެ ސަބަބުންނެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު މީހެއްގެ މޫނަށް ނުވަތަ އަނގަޔަށް ކުޅުތިކިތައް ބުރައިގެން ދިޔުމުގެ ސަބަބުންނެވެ.

ވައިރަހާ ގުޅިގެން ދުނިޔޭގެ ބޮޑެތި ރިސަރޗް ސެންޓަރުތަކުން އަންނަނީ ރެއާ ދުވާލު ވައިރަހުގެ ހަގީގަތް ދެނެގަނެ އެއަށް ފަރުވާއެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމެރިކާގައި ކޯވިޑް ނަވާރައިގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އިތުރުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާތީ އެޤައުމުގައި ވަނީ މިކަމާ ގުޅޭ ދިރާސާތައް ކުރުން އިތުރުކޮށްފައެވެ. އަދި އެހެން ޤައުމުތަކުގައި ބަލި ހުންނަ މީހުންގެ ފަރާތުން ފެންނަ ޢަލާމަތްތަތަކަށްވުރެ ބިރުވެރި ޢަލާމަތްތައް އެމެރިކާގެ ކޯވިޑް ނަވާރައިގެ ބަލިމީހުންގެ ގައިން ފެންނަމުންދާ ކަމަށް އެޤައުމުގެ ޑޮކްޓަރުން އަންނަނީ ފާހަގަކުރަމުންނެވެ.

މިދިރާސާގައި އަލަށް ހޯދުނު ހޯދުންތަކާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ފޮތިމާސްކު ބޭނުންކުރުމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރ މުޙައްމަދު ޢަލީ ކުރެއްވި ޓުވީޓެއްގައި ވަނީ އިރުޝާދުދެއްވާފައެވެ. އަދި މިއީ ވައިރަހުން ފުރިހަމަ ރައްކާތެރިކަން ލިބޭ ވަޞީލަތެއް ނޫންނަމަވެސް ކޮންމެހެން ބޭރަށް ދާންޖެހޭއިރު އަނގަ އާއި ނޭފަތުގައި ގޭގައި ތައްޔާރުކުރެވޭ ފަދަ މާސްކެއް އެޅުން އެންމެ ރަނގަޅުކަމަށް ޑރ.މުޙައްމަދު އަލީ ވަނީ ފާހަގަކުރައްވާފައެވެ.

މިދުވަސްވަރު ބޭރަށް ނުގޮސް ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިރުޝާދު ދެމުންނެވެ. ސަބަބކީ ވައިރަސް ފެތުރޭ ހުރިހާގޮތެއް އަދި ހޯދިފައި ނުވާއިރު ވައިރަސް ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވެއްޖެނަމަ ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ރާއްޖޭގައި މަދުވީމައެވެ. ވައިރަހުގެ ސަބަބުން ދުނިޔެގެ އެންމެ ބޮޑެތި ޤައުމުތަކުން މަރުވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ފަރުވާކުރުމަށް ބޭނުންވާ ވަޞީލަތްތައް މަދުވެ ޤައުމުތަކުގެ ސިއްޙީ ނިޒާމްތަކަށް ވަނީ ބާރުބޮޑުވެފައެވެ.