ޚަބަރު

ކޯވިޑް-19 : ދިގުމުއްދަތަށް ބޭސްކުރާ މީހުންނަށް އެސްޓީއޯއިން ބޭސް ގެނެސްދޭނެ


ދިގުމުއްދަތަށް ބޭސްކުރާ މީހުންގެ ތެރެއިން ރާއްޖެއިން ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް އެސްޓީއޯއިން ބޭސް ގެނެސްދިނުމަށް ހަމަޖައްސާދީފިއެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެސްޓީއޯއިން ބޭސް ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މިގޮތުން ބޭސް ހޯދަން ބޭނުން ނަމަ، މީގެ ކުރިން ޑޮކްޓަރު ދީފައިވާ ބޭސް ސިޓީ ހިފައިގެން، މަޖީދީމަގުގައި ހުންނަ އެސްޓީއޯގެ ހެންވޭރު ފާމަސީއަށް ދިއުމުން އެކަން ހަމަޖެހޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެ ބޭހަކީ އާސަންދަ ނުވަތަ އެންސްޕާގެ ދަށުން ލިބޭ ބޭހެއް ނަމަ އެސްޓީއޯ އިން ދޭ ކޯޓޭޝަން ހިފައިގެން އެތަނަށް ގޮސް ފައިސާ ހަމަޖެއްސުމުން އެ ބޭސް ރާއްޖެއިން ބޭރުން ގެނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

ކޯވިޑް 19 އިން ރައްޔިތުން ރައްކާތެރި ކުރުމަށް ސަރުކާރުން ގެންދަނީ ގިނ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންނަށް އަލުން ޑޮކްޓަރަށް ނުދައްކާ ހުރިހާ ފާމަސީއަކުންވެސް އާސަންދައިގެ ދަށުން ބޭސް ނެގޭނެ އިންތިޒާމް ހަމަޖައްސާދީފައެވެ.

މިގޮތަށް ބޭސްދޫކުރާނީ ދިވެހިރާއްޖޭގައި އިޢުލާން ކުރެވިފައިވާ އާއްމު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަންޏެވެ. ދިގުމުއްދަތަށް ބޭސްބޭނުންކުރާ ފަރާތްތަކަށް މިގޮތަށް ބޭސްނެގުމުގެ ފުރުޞަތު ހަމަޖައްސާ ދިން ނަމަވެސް، އެފަރާތަކީ ބޭހުގެ ޑޯސޭޖު ބަދަލުކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އެބަލީގެ އިތުރުން އިތުރު އުނދަގުލެއް މިވަގުތު ހުރި ފަރާތެއްނަމަ، ސިއްހީ ޚިދުމަތްފޯރުކޮށްދެއްވާ ފަރާތްތަކުގެ އެހީ ހޯދަން ޖެހޭނެކަމަށް އާސަންދައިންވަނީ ބުނެފައެވެ.

މި ދުވަސްވަރު ޑޮކްޓަރަށް ދައްކައި ބޭސް ސިޓީ އާކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗުންވެސް ވަނީ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން ބޭސް ބޭނުން ކުރާ ފަރާތްތަކުން ބޭސް ސިޓީ އައިޖީއެމްއެޗްގައި ބަހައްޓާފައިވާ ޚާއްސަ ފޮއްޓަކަށް ލުމުން ބޭސް ސިޓީ އާ އުކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.