ޚަބަރު

ކޯވިޑް-19: ގޭގައި ތިއްބަވާ، ނޫންނަމަ ހަތަރު ލައްކަ ވެންޓިލޭޓަރު ގެންނަން ޖެހިދާނެ - މަބްރޫކް


ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ޢަމަލު ނުކޮށް ބޭރުގައި އުޅޭނަމަ ހަތަރުލައްކަ ވެންޓިލޭޓަރު ހޯދަންޖެހިދާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިފަދައިން ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލޭގައި ކާފިއު އިޢުލާންކޮށްފައިވާ ވަގުތުތަކުގައި މީހުން މަގުމައްޗަށް އުޅެމުންދިއުމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވަނީ ސަރުކާރާއި ސިއްޙީ މާހިރު ދެމުންގެންދާ އިރުޝާދުތަކަށް ބޯނުލަނބާނަމަ ދިމާވެދާނެ ނުރައްކާ ބޮޑުކަން ފާހަގަކުރައްވާފައެވެ. މިގޮތުން މިފަދަ ދަނޑިވަޅެއްގައި މިބައްޔާ މެދު ސީރިއަސްކޮށް ނުދެކި މިކަމާމެދު ވިސްނާ ނުލާ މަގުތަކަށް ނުކުމެ އުޅޭނަމަ ބަލި ފެތުރިދާނެ މިންވަރު އަވަސްވެދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއާއެކު ވެންޓިލޭޓަރަށް ލާންޖެހޭ މީހުންގެ އަދަދު ގިނަވެއްޖެނަމަ 200 ވެންޓިލޭޓަރަކުން ނުފުދޭނެކަމަށާއި އޭގެ ބަދަލުގައި ކޮންމެ ރައްޔިތަކަށް ވެންޓިލޭޓަރެއް ހޯދަން ޖެހިދާނެކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން މަބްރޫކުވަނީ ފާޅުކުރައްވާފައެވެ.

ކޯވިޑް 19 ގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ރާއްޖެއިން ތައްޔާރުވަމުންދާއިރު މިހާރުވެސް 200 ވެންޓިލޭޓަރު ބޭނުންކުރެވޭނެ އިންތިޒާމު ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.

އެންމެ މީހަކު ގޭގައި އޮވެގެން ވާނެ ފައިދާއެއް ނެތްކަމަތް ބައެއް މީހުން ވިސްނާ ކަމަށާއި މިވިސްނުން ދޫކޮށްލަންޖެހޭކަން މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ. މިބަލީގެ ނުރައްކާ ފާހަގަކުރައްވަމުން މަބްރޫކު ވިދާޅުވީ އެންމެ މީހެއްގެ ގައިން ތިން މީހުންނަށް މިބަލި ޖެހޭ ކަމަށް ބަލާނަމަވެސް އެންމެ މީހަކު ގޭގައި މަޑުކޮށްގެން އިތުރު ތިން މީހުން މިބަލިން ސަލާމަތްވާކަމަށެވެ.

"މިކުރާ ކަންކަމަށް ނުވިސްނާ ބަޔަކަށް، ވެއްޖެއްޔާ އެއްފަހަރާ ވަރަށް ގިނަ ބަޔަކަށް ބަލި ޖެހިދާނެ، ޖެހިއްޔެއްޔާ ދުއިސައްތަ ތިންސަތޭކައެއް ނޫން ހަތަރު ލައްކަ ވެންޓިލޭޓަރު ގެނެސްގެން އަޅުގަނޑުމެން ތިބެން ޖެހޭނީ" މަބުރޫކް ވިދާޅުވިއެވެ.

ބަލިޖެހޭ މީހުން ކުއްލިއަކަށް އިތުރުވެއްޖެ ނަމަ އެކަށީގެންވާ ފަރުވާ ނުދެވި ހާލު ބޮޑުވާ މީހުން އިތުރުވަމުން ދެއެވެ. އެއާއެކު ވެންޓިލޭޓަރު ފަދަ މެޑިކަލް މުހިންމު ވަސީލަތްތަކުގެ ބޭނުން ހިފަންޖެހުން އާދަޔާ ޚިލާފަށް އިތުރުވެގެންދާކަން ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާލުމުންވެސް ފެނިގެންދެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި މިބަލި ޖެހޭ މީހުން ގިނަވެ ނިއުމޯނިއާ ޖެހުން ފަދަ ސީރިއަސް ހާލަތަކަށް ދިއުމުން ވެންޓިލޭޓަރު އޮންނަނީ އެންމެންނަށްވާވަރަށް ނުލިބިފައެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަމުން އަންނަނީ މި ބަލި ކޮންޓްރޯލްކޮށް ފެތުރޭ މިންވަރު ދަށްކުރަން ކަމަށެވެ. ބަލި ފެތުރޭ މިންވަރު ދަށްވެއްޖެނަމަ އެއްފަހަރާ ފަރުވާ ދޭންޖެހޭ މީހުން މަދުވެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ފަރުވާގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަބްރޫކް ވަނީ ސަރުކާރުން ކުރާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

"ހަމަ ޔަގީނުންވެސް ގޭގަ މަޑުކުރީމަ އެބަ ކަށަވަރުކޮށްދެވޭ އަމިއްލަ ގެ، އަމިއްލަ އާއިލާ ސަލާމްތަކޮށްދެވޭ ކަން، އަދި އޭގެ އިތުރަށް އެއާ ހެދި ފެތުރޭ މިންވަރުވެސް ދަށް ކުރެވޭ" މަބުރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާއިރު ބަލިން ރައްކާތެރިވުމުގެ އެންމެ ބޮޑު ފިޔަވަޅަކީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން ނުވަތަ ގައިގޯޅިވެ ނޫޅުމެވެ. މިކަން ހުއްޓުވުމަށްޓަކައި ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ.

އެހެންކަމުން ރާއްޖޭގައި މި ބަލި ފެތުރުން ކޮންޓުރޯލްކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ސިއްޙީ މާހިރުން ދެމުންގެންދާ އިރުޝާދުތަކަށް ބޯލެނބުމަކީ މިދަނޑިވަޅުގައި ކުރުން އެންމެ މުހިއްމުކަމެކެވެ.