ވިޔަފާރި

ކޯވިޑް-19 : އެމެރިކާގައި ވަޒީފާ ގެއްލުނު މީހުންގެ އަދަދު 701،000 އަރައިފި


ކޯވިޑް-19 އާއި ގުޅިގެން އެމެރިކާގައި ވަޒީފާ ގެއްލުނު މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އަރައިފިއެވެ.

އެގޮތުން މަރޗުމަހު 701،000 މީހުންވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މިއީ ފާއިތުވި 10 އަހަރުތެރޭ ވަޒީފާ ގެއްލުނު މީހުންގެ އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ. އަދި 1975 ވަނަ އަހަރުގެ ފަހުން، މަސްދުވަސްތެރޭ މިއަދަދަށް މިހާ ބޮޑު ތަފާތެއް އައި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ވަޒީފާ ގެއްލިފައިވާ މީހުންގެތެރޭގައި ގިނައީ، ރެސްޓޯރެންޓުތަކާއި، ބާ ތަކުގައި މަސައްކަތްކުރާ މީހުންނެވެ. އެގޮތުން އެފަދަ ތަންތަނުގައި މަސައްކަތްކުރާ 417،000 މީހުންގެ ވަޒީފާވަނީ ގެއްލިފައެވެ.

ނަމަވެސް ވަޒީފާތަކުން މީހުން ވަކިކޮށްފައިވަނީ ވަތުގީގޮތުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ކަންތަކުން އަރައިގަނެވުމުން ވަޒީފާ އަނބުރާ ލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
އިޤްތިސާދީ މާހިރުން ލަފާކުރާގޮތުން ވަޒީފާ ނެތް މީހުންގެ އަދަދު އަންނަމަހު އިތުރުވެގެންދާނެއެވެ. އެގޮތުން ވަޒީފާއެއް ނުލިބި ތިބި މީހުންގެ އަދަދު %30 އަށް އިތުރުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ކޯވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ ތަފާތު ހިސާބުތައް ދައްކާގޮތުން މި ބަލި ޖެހިފައިވާ މީހުން އެންމެ ގިނައީ އެމެރިކާގައެވެ. އެޤައުމުން މިހާރު 2 ލައްކަ 77 ހާހަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި މީގެ ތެރެއިން 12 ހާހަށް ވުރެ ގިނަ މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

އެމެރިކާގައި މި ބަލި ޖެހިފައިވާ މީހުން އެންމެ ގިނަ އަދަދަކަށް ފެނިފައިވަނީ ނިއުޔޯކުންނެވެ.