ޚަބަރު

ކޯވިޑް-19 : އޭޝިއާގެ ޤައުމުތަކުގެ އިޤްތިޞާދަށް އިތުރު ބަލިކަށިކަމެއް


އޭޝިއާ ސަރަހައްދުގެ ކުރިއަރަމުން އަންނަ ޤައުމުތަކުގެ މަޑުޖެހިފައިވާ އިޤްތިސާދުތައް ކޯވިޑް-19ގެ ސަބަބުން އިތުރަށް ބަލިކަށިވެދާނެކަމުގެ އިންޒާރު އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް، އޭޑީބީއިން ދީފިއެވެ.

އޭޑީބީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ ސަބަބުން މިއަހަރު ތެރޭގައި އޭޝިއާގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިސާދުތައް ވަރަށް ބޮޑަށް މަޑުޖެހޭނެކަމަށެވެ. ނަމަވެސް މިމަޑުޖެހުމަށްފަހު މިއަންނަ އަހަރުތެރޭގައި މިޤައުމުތަކުގެ އިޤްތިސާދުތައް މަޑުމަޑުން ރަގަނޅުވާން ފަށާނެކަމަށް އޭޑީބީއިން ލަފާކުރެއެވެ.

އޭޑީބީއިން ބުނީ ޗައިނާއާއި އިންޑިއާ ހިމެނޭހެން 45 ޤައުމެއްގެ އިޤްތިޞާދު މިއަހަރުގެ ތެރޭ މަޑުޖެހޭނެކަމަށެވެ. އެގޮތުން މިއަހަރު މިޤައުމުތަކުގެ އިޤްތިސާދުތައް ކުރިން އަންދާޒާ ކޮށްފައިވާ 5.2 އިންސައްތައަށްވުރެ 2.2 އިންސައްތަ މަޑުޖެހޭނެކަމަށެވެ.

އޭޑީބީގެ ޗީފް އިކޮނޮމިސްޓް ޔަސުޔޫކީ ސަވާޑާ ވިދާޅުވީ މިބަލިމަޑުކަމަކީ ޤައުމުތަކަށް އިޤްތިސާދީ އަދި އިޖްތިމާއީ ގޮތުން ބޮޑު ކާރިސާއަކަށް ވާނެކަމަށެވެ. އަދި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށެވެ. އެހެންކަމުން މިކަމުގެ އަސަރު ފަޤީރު ޤައުމުތަކަށް ކުރާ މިންވަރު ކުޑަކުރުމަށް މުހިންމު އަދި އަވަސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑިސެމްބަރު މަހު ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް، ނުވަތަ ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ޤައުމުތަކަށް މިވަނީ އިޖްތިމާއީ އަދި އިޤްތިސާދީ ގޮތުން ބޮޑު ބަދަލުތަކެއް އަންނަން ފަށާފައެވެ. އެގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު، އަދި ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ތަކެތި އެކްސްޕޯޓްކުރާ ޗައިނާގެ ފެކްޓްރީތައް ބަންދުކޮށް، އޮފީސްތަކާއި، ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ.

ޗައިނާއަށް ކުރިމަތިވި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ދަތުރުފަތުރުތައް ހުއްޓާލާ، ބަނދަރުތައްވެސް ބަންދުކުރިއެވެ. ނަމަވެސް މިބަލި ދުނިޔޭގެ އެހެން ޤައުމުތަކާއި ހަމަޔަށް އޭރު ވަނި ފޯރާފައެވެ. ދެން ފެނިގެން ދިޔައީ ގިނަ ޤައުމުތަކުންވެސް މިބައްޔާ ކުރިމަތިލާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ލައްކަ ބަޔަކަށް މިބަލި ޖެހި، އެތައް ހާސް ބަޔަކު މަރުވާން ފެށިތަނެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޤައުމުތަކުންވެސް ދެން އަޅަންޖެހުނީ ޗައިނާއިން އެޅި ފަދަ ފިޔަވަޅުތަކެކެވެ. ދަތުރުފަތުރުތައް ހުއްޓާލާ، ފެކްޓްރީތައް ބަންދުކޮށް، އޮފީސްތައް ބަންދުކުރިއެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް، ޑިމާންޑު ދަށްވުމުގެ ސަބަބުން ވެއްޓެން ފެށިއެވެ. އަދި ހިއްސާގެ ބާޒާރުތަކަށްވެސް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރަން ފެށިއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ އަދި އިޖްތިމާއީ މައްސަލަތައް މިނިމުނީކީ ނޫނެވެ. އިޤްތިސާދީ ދާއިރާ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިބަލީގެ ސަބަބުން މިއަހަރު ތެރޭގައިވެސް ގިނަ ޤައުމުތަކުގެ އިޤްތިސާދަށް ކުރާ ނޭދެވޭ އަސަރުން އަރައިގަތުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.