ޚަބަރު

އިންޑިޔާގެ ފުރަބަންދަށް ނިމުމެއް ގެންނަނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިންޑިޔާގައި އިޢުލާންކޮށްފައިވާ 21 ދުވަހުގެ ފުރަބަންދުގެ ހަރުކަށި އުޞޫލުތައް ފިޔަވަހިތަކަކަށް ބަހާލައިގެން ނިމުމަކަށް ގެންނަވާނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިޔާއަކީ އޭޝިޔާގައި އޮތް ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވުމުން ރައްޔިތުން ގޭގައި ތިބެންޖެހުމުގެ ސަބަބުން ސިނާޢީ މަސައްކަތްތައް ހުއްޓި ބޮޑެތި މާލީ ދަތިތަކަކާ އެޤައުމުންދަނީ ކުރިމަތިލަމުންނެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާ 3 ހަފުތާއަށް ފުރަބަންދުކުރުމުން އެޤައުމަށްވަނީ ބޮޑެތި އިޤްތިޞާދީ މައްސަލަތަކެއް ކުރިމަތިވެ ގިނަ ޢަދަދެއްގެ ބައެއްގެ ވަޒީފާ ގެއްލިފައެވެ. އިންޑިޔާގެ އާބާދީގައި ހިމެނޭ 800 މިލިއަން މީހުންނަކީ ފަޤީރުންނެވެ، އެހެންކަމުން ދިގު މުއްދަތަކަށް އެޤައުމު ފުރަބަންދުކުރުމުން އެކަމުގެ އެންމެ ބޮޑު އަސަރެއްކުރަނީ ދަތިޙާލުގައި ދިރިއުޅޭ ފަޤީރުންނަށެވެ.

އިންޑިޔާގެ ސްޓޭޓުތަކުގެ ޗީފް މިނިސްޓަރުންނާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި މޯދީ ވިދާޅުވެފައިވަނީ ފުރަބަންދުގެ ސަބަބުން ކޯވިޑް-19 ފެތުރުން ދަށްކުރެވިފައިވާކަމަށެވެ. ނަމަވެސް ހިތްހަމަޖެހޭ މިންވަރަށް ބަލިފެތުރުން ދަށްކުރެވިފައި ނުވާކަމަށާއި އިތުރަށް ބަލިފެތުރިގެން ދިއުމުގެ ބިރުއޮތްކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާގައި ރައްޔިތުން ގޭގައި ބަންދުވެފައި ތިބުން ނިމުމަކަށް ގެނެވޭނެ ގޮތެއް އެންމެން ގުޅިގެން ހޯދަޖެހޭކަމަށް މޯދީ ވިދާޅުވިއެވެ. އެގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން އިންޑިޔާގެ ފުރަބަންދަށް ނިމުމެއް ގެނައުމަށް ވިސްނަވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިޔާގައި 2،500އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 72 މީހުންވަނީ މަރުވެފައެވެ. އެއީ އިންޑިޔާގެ 1.3 ބިލިއަން މީހުންގެ އާބާދީއާ އަޅާބަލާއިރު ދަށް ޢަދަދެކެވެ.