ޚަބަރު

ކޮވިޑް-19 : ވޯލްޑް ބޭންކުން ދިވެހިރާއްޖެ އަށް 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީ


ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ދީފައިވާ މި އެހީއަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދީފައިވާ އެހީއެކެވެ. ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި "މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް"އާ ގުޅޭގޮތުން އެ ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ މި މަޝްރޫޢުގެ އިތުރުން، ކުރިމަތިވާ ކާރިޘާތަކާއި ކުއްލި ޙާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ، "ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން"، ކެޓް ޑީޑީއޯ ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ދިވެހިރާއްޖެއަށް ހަމަޖައްސައިދީފައިވާކަމަށެވެ.

އަވަސް އެހީގެ ގޮތުގައި ދޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ދަށުން، ކޮވިޑް-19 ބަލި ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އާލާތްތަކާއި ޞިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމަށާއި، ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޞިއްހީ ޚިދުމަތްތެރިން ތަމްރީންކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވެދެވޭނެ ކަމަށް ވޯލްޑް ބޭންކުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ތޮއްޖެހިފައިވުމުގެ ސަބަބުން ބަލި ފެތުރިގެންދިއުމުގެ ފުރުޞަތު އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ މާލެއަށް ޚާއްސަ ސަމާލުކަމެއް ދީގެން، ޢާންމު ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.

"ކުއްލި ހާލަތުގައި ވާލްޑް ބޭންކުން ފޯރުކޮށްދޭ މި އެހީގެ ސަބަބުން، ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ޞިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އަދި އެންމެހާ ދިވެހިން ސަލާމަތްކޮށް ފަރުވާދިނުމަށް ބޭނުންވާ ޞިއްހީ ފަރުވާގެ ތަކެތި ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރިވެދެވޭނެ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ. "ހަމަ އެއާ އެކު، އިތުރަށް ފޯރުކޮށްދެވޭ 10 މިލިއަން ޑޮލަރަކީ، ޞިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް ވެވޭ އެހީއަކަށް ވެގެންދާނެ."އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ، ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވެމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވާލްޑް ބޭންކް ގްރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން، އައިޑީއޭ އިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ވާލްޑް ބޭންކުން ދިވެހިރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫޢުތަކުގައި ޝާމިލްވާ ފަރާތްތަކުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ހެލްތުންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގަ އާއި، މި ކާރިޘާ އިން އަރައިގަތުމަށް ހޭދަވާ މުއްދަތު ކުޑަ ކުރުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށްޓަކައި، ވާލްޑް ބޭންކް ގްރޫޕުން ވަނީ 14 ބިލިއަން ޑޮލަރުގެ އަގުހުރި އަވަސް އެހީގެ ޕެކޭޖެއް ތަޢާރަފްކޮށްފަ އެވެ.

މި ޕެކޭޖުގެ ދަށުން، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން ޞިއްހީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޤައުމުތަކަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށްޓަކައި ވަގުތުން ވަގުތަށް ވެދެވޭ އެހީތެރިކަމުގެ ތެރޭގައި، މާލީ އެހީތެރިކަމާއި، ސިޔާސަތުތައް ބައްޓަންކުރުމުގައި ލަފަޔާއި އިރުޝާދާއި، އަދި ފަންނީ އެހީތެރިކަން ހިމެނެ އެވެ.

އިންޓަނޭޝަނަލް ފައިންނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ވަނީ މި ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ އަމިއްލަ ކުންފުނިތަކަށް އެހީތެރިވެދީ، ވަޒީފާތައް ދެމެހެއްޓުމަށްޓަކައި 8 ބިލިއަން ޑޮލަރު ކަނޑައަޅާފައެވެ. އިންޓަނޭޝަނަލް ބޭންކް ފޯ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އައިބީއާރުޑީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ވަނީ، ޞިއްހީ ދާއިރާއަށް އެހީތެރިވުމަށްޓަކައި ފުރަތަމަ ބުރުގައި ޖުމްލަ 6 ބިލިއަން ޑޮލަރު ކަނޑައަޅާފައެވެ.

ޤައުމުތަކުން މި އަށް ވުރެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ބޭނުންވާތީ، 15 މަސްދުވަހަށް ބެހިގެންދާގޮތަށް ވާލްޑް ބޭންކް ގްރޫޕުން 160 ބިލިއަން ޑޮލަރާ ހަމައަށް އެހީތެރިވެދޭނެ އެވެ. މި އެހީގެ ބޭނުމަކީ، ފަޤީރުންނާއި އަޅާލުން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދީ، އަދި އިޤްތިޞާދު ކޮޅަށް ޖެހުމެވެ.