ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯންތައް ދެއްކުން ފަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލާފައިއެވެ. ބީއެމްއެލުން ބުނީ ލޯންތައް ފަސްކުރުމަށް އެދި އޮންލައިންކޮށް ހުށައެޅަމުން ގެންދެވޭނެކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން ވިޔަފާރިތަކާއި ގެދޮރު އިމާރާތްކުރުމަށް ލޯންނަގާފައިވާ ފަރާތްތަކަށް ލޯނުގެ މުއްދަތު 6 މަހަށް ފަސްކުރުމަށް މިހާރު ހުށައެޅޭނެކަމަށެވެ. މިގޮތުން ބީއެމްއެލް މެދުވެރިކޮށް މާރޗް 19 ކުރިން ނަގާފައިވާ ހުރިހާ ޕަރސަނަލް، ހައުސިން އަދި ވިޔަފާރި ލޯނުތަކާއި ފައިނޭންސްތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދެވިދާނެއެވެ.
ލޯން ފަސްކުރަން އެދޭ ފަރާތަކަށް ހުޅުވާލި ފުރުސަތުގައި ބީއެމްއެލްގެ އިސްލާމިކް ބޭންކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސް ނުހިމެނޭކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލް އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނުތަށް ދެއްކުން ފަސްކުރުމުގެ އުސޫލާއި އެކަމަށް އެދުމަށް ފަހުން ހުޅުވާލާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލުން ބުނީ ލޯނު އަނބުރާދެއްކުން ފަސްކޮށްދޭ މުއްދަތުގައި ނުދައްކާހުރި އަދަދަށް ސިމްޕަލް އިންޓަރެސްޓް ނަގާނެކަމަށެވެ. އެހެންނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދެވޭ މުއްދަތު ނިމެންދެން އެއްވެސް ފައިސާ އެއް ދައްކާކަށް ނުޖެހެއެވެ. އަދި އެ މުއްދަތުގައި އިންޓަރެސްޓް އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުވަތަ ޑަބަލް އިންޓްރެސްޓް ނުނަގާނެކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލްއިން ލޯން ނަގާފައިވާ ފަރާތްތަކަށް ފައިސާ ދެއްކުން ފަސްކޮށްދީފައިވާ މުއްދަތަށްފަހު ލޯނު އަނބުރާ ދައްކާ ފުރަތަމަ 6 މަސްދުވަހު ދައްކަންޖެހޭނީ މިހާރު ލޯނަށް ދައްކަމުން އަންނަ އަދަދަވުރެ 20 އިންސައްތަ މަދުންކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލްއިންވަނީ ނިމުނު މަރޗްމަހު ލޯނަށް ދެއްކި ފައިސާ އަނބުރާ ދޫކުރުމަށް ވަނީ ނިންމާފައެވެ.
ލޯޯނު ދެއްކުން ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް އަންނަ ސެޕްޓެމްބަރ ގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. އަދި މި މުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެއެވެ. ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެކަމަށްވެސް ބީއެމްއެލުން ބުނެއެވެ. އަދި ކަސްޓަމަރު ބޭނުންވެއްޖެނަމަ، އެ ކަސްޓަމަރަކު ނަގާފައިވާ ހުރިހާ ލޯނެއްވެސް ފަސްކޮށްދިނުމަށް އެދިހުށަހެޅިދާނެކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.