ޚަބަރު

ކޮވިޑް-19 : ސަރުކާރު މުވައްޒަފުންނަށް ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި


ސަރުކާރު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ފަށައިފިއެވެ.

އެގޮތުން، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ގޭގައި ތިބެގެން ވަދެވި، އޮންލައިންކޮށް ބާއްވަންޖެހޭ މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށް އުރީދޫއިން މަޢުލޫމަތުދެއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިންޓަރނެޓްގެ ޚިދުމަތް ވަނީ މުޅި މުޖުތަމައު އާއި ވަކިވަކި ފަރުދުންނަށް ކުރިއަށްވުރެ ބޮޑަށް ބޭނުންކުރަންޖެހިފައިވާކަމަށެވެ. އަދި އުރީދޫ ނެޓްވޯކް މެދުވެރިކޮށް ރައްކާތެރިކަމާއެކު ސަރުކާރުގެ ޕޯޓަލްތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އަވަސް ޚިދުމަތެއް އުރީދޫއިން ފޯރުކޮށްދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އުރީދޫއިން ސަރުކާރާއިއެކު މިފެށި މަސައްކަތާއި ބެހޭ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ޚާން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން މުޖުތަމައުއަށް ދިމާވާ ދަތިތަކަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލުއި ފަސޭހަތައް ފޯރުކޮށްދީ ސަރުކާރާއި އަދި ގުޅުންހުރި މުއައްސަސާތަކަށް މިފަދަ ކަންކަމުގައި އުރީދޫއިން އެއްބާރުލުން ދޭނެކަމަށެވެ.