ވިޔަފާރި

މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް ރަށްރަށަށް ފަށަނީ


މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް އަތޮޅުތެރޭގެ ރަށްރަށަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުތެރޭ ސީ ޕްލޭން ޕްލެޓްފޯމްތައް އެޅުމަށްޓަކައި އެކަމާއި ގުޅޭ ހުއްދަތައް ހޯދުމުގެ މަސައްކަތަށް ކުރަމުންދާ ކަމަށް މަންޓާ އެއަރއިން ބުނެއެވެ.

މި ދަތުރުތަކާއެކު އާއްމުންނަށް ދަތުރުތައް ކުރުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެއަރލައިނުން ބުނެއެވެ. ނަމަވެސް އެއަރލައިނުން ސީޕްލޭން ދަތުރުތައް ފަށަން ގަސްދުކުރާ ރަށްރަށުގެ ނަންތަކެއް އަދި ހާމައެއް ނުކުރެއެވެ.

ރ.މަޑުއްވަރީ ކައުންސިލުން މިއަދު ވަނީ އެރަށުގެ ފަޅުތެރޭ ސީޕްލޭން ފްލޯޓިން ޕްލެޓްފޯމެއް އެޅުމަށް މަންޓާ އެއަރއަށް ހުއްދަދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ކޯވިޑް-19އާއި ގުޅިގެން ދަތުރުތަކަށް އޮންނަ ޑިމާންޑު ދަށްވުމުން އެ އެއަރލައިނުން ކުރާ ޝެޑިއުލް ފްލައިޓްތަށްވަނީ ހުއްޓާލާފައެވެ. އަދި މަންޓާ އެއަރއިންވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިންނަށް އަމާޒްކޮށްގެން މަންޓާ އެއަރގެ ސީ ޕްލޭން ދަތުރުތައް ދ.އަތޮޅަށާއި ބ.އަތޮޅަށް ދަތުރުތައް ފަށާފައެވެ.