ޚަބަރު

ކޯވިޑް-19 : ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ހުރި މައްސަލަތައް ހައްލުކޮށް އަލުން ހުޅުވަން ތައްޔާރުވެއްޖެ


ފަރުކޮޅު ފުށީގެ އައިސޮލޭޝަން ފެސިލިޓީގައި ހުރި މައްސަލަތައް ޙައްލުކޮށް އަލުން އެތަން ހުޅުވަން ތައްޔާރުވެއްޖެއެވެ. އެއައިސޮލޭޝަން ފެލިސިޓީ މަރާމާތުކޮށް އެތަންވަނީ މީޑިއާތަކަށް ދައްކާލާފައެވެ.

ފަރުކޮޅު ފުށީގެ އައިސޮލޭޝަން ފެސިލިޓީ ބަންދުކޮށްފައިވަނީ އެތަނުގައި މަދިރި ގިނަވުމާއި އެހެންވެސް ބައެއް މައްސަލަތައް ހުރުމުން އެ ފެސިލިޓީގައި ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް މަރާމާތުކުރުމަށެވެ. މިފެސިލިޓީ މަރާމާތުކޮށް މީޑިއާތަކަށް ދައްކާލާފައިވާއިރު، ކުރީގައި އޯޕަން އެއަރ ކޮންސެޕްޓަކަށް ތަރައްޤީކޮށްފައިވާ މި ފެސިލިޓީގެ ވޯޑްތައް މިހާރު ވަނީ އިންޑޯއަށް ބަދަލުކޮށް އެއަރ ކޮންޑިޝަންކޮށްފައެވެ.

50 އެނދުގެ ޖާގައިގެ މި ފެސިލިޓީގައި 2 އެނދުގެ އައިސީޔޫއަކާއި ވެންޓިލޭޓަރަކާއި، ޓަރައެޖް ޑިޕާޓްމެންޓަކާއި ބަލިޖެހިފައިވާ މީހުންގެތެރެއިން މަރުވާ މީހުން ހިނެވުމަށް ހިނަވާ ގެއެއްވެސް ވަނީ ތަރައްޤީކޮށްފައެވެ. 4 ވޯޑަކަށް ބަހާލައިގެން ތަރައްޤީކޮށްފައިވާ މި ފެސިލިޓީގެ ކޮންމެ ވޯޑެއްގައި 2 ފާޚާނާ ހުރެއެވެ.

މަރާމާތާއެކު ވޯޑްތަކުގެ ކަރަންޓުގެ މައްސަލަތައް މުޅިން ޙައްލުކޮށްފައިވާއިރު، ކޮންމެ ވޯޑެއްގައި ޓީވީ ބަހައްޓައި ވައިފައިލިބޭނެ އިންތިޒާމު ވަނީ ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ކޮންމެ ވޯޑެއްގެ ބޭރުގައި އަތްދޮވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.

ފަރުކޮޅު ފުށީގެ ސުވިމިންގް ޕޫލުގައި މަދިރި ފަނި އާލާވެފައިވާތީ އެ ޕޫލް ސާފުކޮށް މިހާރުވަނީ ކްލޮރިނޭޓްކޮށްފައެވެ. މިޕޫލަށް މަސް އެޅުމަށްވަނީ ނިންމާފައެވެ.

ފަރުކޮޅުފުށީގެ އައިސޮލޭޝަން ފެސިލިޓީގައި މަރާމާތުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުގެ 20 އޮފިސަރުންގެ ޓީމަކުންނެވެ. މި މަސައްކަތް ކުރިއަށްދިޔަގޮތުގެ މަޢުލޫމާތުދެއްްވަމުން އެމްއެންޑީއެފުން ވަނީ، މަރާމާތުގެ މަސައްކަތް ކޮށްފައިވަނީ އެންމެ 4 ދުވަހުންކަން ހާމަކުރައްވާފައެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދޭގޮތުގައި ފަރުކޮޅު ފުށީގައި އައިސޮލޭޓްކުރާނީ، ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހައިރިސްކް ކެޓަގަރީގެ މީހުންކަމަށެވެ. މި އިންތިޒާމު މިގޮތައް ހަމަޖެއްސީ މި ފަދަ ފަރާތްތައް ކްރިޓިކަލް ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިއުމުގައި ފަސޭހަކޮށްދިނުމަށެވެ. މި ފެސިލިޓީއަށް ގެންދާ ހުރިހާ ބަލި މީހުންވެސް ގެންދާނީ ކަނޑުމަގުން ފަރުކޮޅު ފުށީ ފާލަން ސަރަހައްދަށެވެ.