ޚަބަރު

ކޯވިޑް-19 : ރާއްޖެ ނުގެނެވި ހުރި ބޭސް އިންޑިއާ ސަރުކާރުގެ އެހީގައި ގެނެސްފި


ވައިގެ ދަތުރުފަތުރުތައް ހުޓާލުމާއި ގުޅިގެން އިންޑިއާއިން ރާއްޖެ ނުގެނެވި ހުރި ބޭހުގެ ޝިޕްމަންޓްތައް އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެ ގެނެސްފިއެވެ. ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ގެނައި މި ޝިޕްމަންޓްގައި 6.2 ޓަންގެ ބޭސްވަނީ ރާއްޖެ ގެނެސްފައެވެ.

އިންޑިއަން އެއަރފޯސްގެ އެހީގައި ރާއްޖެ ގެނައި ބޭހަކީ، ކޯވިޑް 19އާއި ގުޅިގެން އިންޑިއާގައި ލޮކްޑައުން އިޢުލާންކޮށް ވައިގެ ދަތުރުފަތުރައް ހުއްޓާލާފައިވާތީ ރާއްޖެއަށް ނުގެނެވިހުރި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ ބޭހުގެ ޝިޕްމަންޓްތަކެވެ. އިންޑިއާ ސަރުކާރާއި ގުޅިގެން ބޭހުގެ ޝިޕްމަންޓްތައް ގެނައުމަށް ކުރިއަށްގެންދިޔަ "އޮޕަރޭޝަން ސަންޖީވަނީ"ގެ ދަށުން އިންޑިއާގެ 4 ސިޓީއަކުން 7 ސަޕްލަޔަރުންނަށް އޯޑަރުދީފައިވާ ބޭސްވަނީ ގެނެސްފައެވެ. އެގޮތުން ނިއުދިއްލީއާއި، މުމްބާއި އާއި، ޗެންނާއި އާއި، މަދޫރާއީގެ އެއަރޕޯޓްތަކުން ޝިޕްމަންޓްތައް ނަގައިގެން ރާއްޖެ ވަނީ ގެނެސްފައެވެ.

ރާއްޖެއަށް ބޭހުގެ މިޝިޕްމެންޓް ގެނައުމުގެ ރަސްމިއްޔާތުގައިވަނީ ބޭހުގެ މިޝިޕްމެންޓް ގެނައުމުގައި އިންޑިއަން އެއަރފޯސްއިން ދިން އެހީ ފާހަގަކުރައްވާ ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝާމާލްއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މުޅި އިންޑިއާ ލޮކްޑައުންއެއްގައި އޮތް މިޙާލަތުގައިވެސް ރާއްޖޭގެ ކޮންމެ ގޮވާލުމަކަށް އިންޑިއާގެ އެހީ ލިބެމުންދާކަމަށެވެ. ޚާއްސަކޮށް އަސާސީ ޚިދުމަތްތައް ދިނުމުގައި ރާއްޖެއަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ލިބެމުންދާ އެހީ މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

"ގަޢުމުތަކުގެ ބޯޑަރުތައް އޮތީ ލޮކްޑައުންގައި. އެއަރލައިންތައް ބަންދު. ވަައިގެ މަގުން ނޫނީ ނުގެނެވޭ، އަސާސީ ބޭނުންތަަކަށް ބޭނުންވާ ތަކެތި އެބަހުރި. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހުގެ އެންމެ ގިނަ ބާވަތްތައް މި ގެންނަނީ އިންޑިއާއިން ވައިގެ މަގުން. މިއަދުގެ މި ޝިޕްމަންޓްގައި އިންޑިއާގެ އެހީގައި 6.2ޓަނުގެ ބޭސް ރާއްޖެވަނީ ގެނެސްފަ." ޝާހިދު ވިދާޅުވިއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މިއީ އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން ޢަމަލުން ފެންނަމުންދާ ދަނޑިވަޅެއްކަމަށެވެ. އަދި ކޯވިޑް 19ގެ މިވަގުތުގައިވެސް، އިންޑިއާގެ އެހީ ހުރިހާ ދާއިރާއަކުންވެސް ލިބުނު ފުރަތަމަ ޤައުމަށް ރާއްޖެ ވެފައިވާކަމަށް ސަންޖޭ ސުދީރް ވިދާޅުވިއެވެ.

"ކޯވިޑް 19އާއި ގުޅޭ 5.5 ޓަންގެ ބޭސް ފުރަތަމަވެސް ފޮނުވީ ރާއްޖެއަށް. ސިއްޙީ ދާއިރާއަށް ބޭނުންވާ ވަސީލަތާއި، އަދި މެޑިކަލް ޓީމްތައްވެސް ފޮނުވި ފުރަތަމަ ޤައުމު. ވުހާނުން ގެނެސް ޤައުމުން ބޭރު ބަޔަކުވެސް ފުރަތަމައަށް އިންޑިއާގައި ކަރަންޓީން ކުރީ ރާއްޖޭގެ މީހުން." ސަންޖޭ ސުދީރް ވިދާޅުވިއެވެ.

ރާއްޖެއަށް ގެނައި ބޭހުގެ ބާވަތްތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި، ކިޑްނީ ބަލިތަކާއި، ލޭމައްޗައް ދިއުމާއި ހަކުރުބަލި، އާތުރައިޓިސް، އެލާޖީ އާއި ކެންސަރު ބަލިތައް ފަދަ ބަލީގެ ބޭސް ހިމެނެއެވެ. އަދި ބޭހުގެ އިތުރަށް ސިއްޙީ ޚިދުމަތަށް ބޭނުއްވާ ބައެއް ސާމާނުވެސް މީގެތެރޭގައި ހިމެނެއެވެ.

އިންޑިއާއިންވަނީ ހިލޭ އެހީގެ ގޮތުގައި މިދިޔަމަހު ރާއްޖެއަށް 5.5 ޓަނުގެ ޒަރޫރީ ބޭހުގެ ޝިޕްމަންޓެއްވެސް ހަދިޔާކޮށްފައެވެ.