ވިޔަފާރި

"ބޭރު ޤައުމުތަކަށް ބަރޯސާވެގެން ތިބެވޭކަށް ނެތް- ހަނޑުލާއި ފުށާއި ފިޔާވެސް ރާއްޖޭގައި ހެއްދޭނެ"


ކާބޯތަކެތި އެތެރެކުރުމުގައި ރާއްޖެ އެހެން ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ރާއްޖޭގައި ކާޑުގެ ބައެެއް ބާވަތްތައް އުފައްދަންޖެހޭކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު ވިދާޅުވީ ރާއްޖޭގައި ކެއުމަށް ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭރުން އެތެރެކުރުމުގެ ބަދަލުގައި ރާއްޖޭގައިވެސް ހެއްދޭނެ ކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އަމްރު ވިދާޅުވީ ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަން ނޫން އެހެން ސިނާޢަތަކުން އާމްދަނީ ލިބޭނެ ގޮތެއް ހޯދަން ޖެހޭކަމަށެވެ. މި ދަނޑިވަޅުގައި ދަނޑުވެރިކަން ކުރިއަރުވައި ގިނަ ބަޔަކު މިދާއިރާއަށް ނެރެންޖެހޭކަމަށް އަމްރު ވިދާޅުވިއެވެ.

"ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުން ވެސް މި ލިބެނީ ފައިސާ. މި ފައިސާ ރާއްޖެއިން ބޭރުކުރަން މި ޖެހެނީ ކާބޯތަކެތި ގަންނަން. އޭގެ ބަދަލުގައި މިފަދަ ނިޒާމެއް ޤާއިމްކުރެއްވިއްޖެނަމަ ޤައުމަށް ލިބޭ ފައިސާ ޤައުމުގައި ހުންނާނެ." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން މިހާރު ދަނީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޚާއްސަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެސްޓީއޯއިން ބުނީ މިފަދަ ސެންޓަރެއް ޤާއިމްކުރުމުގެ އެންމެ ބޮޑު މަޤްސަދަކީވެސް އިމްޕޯޓަށް ރާއްޖެ ބަރޯސާވާ މިންވަރު ކުޑަކުރުންކަމަށެވެ.

އެގޮތުން ރާއްޖޭގައި ހަނޑޫ ހެއްދުމާއި ބޭރު ޤައުމުތަކުން ގޮދަން ގަނެގެން ރާއްޖޭގައި ފުށް އުފެއްދުމަށްވެސް އެސްޓީއޯއިން ވިސްނާފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އަދި ފިޔާގެ ދަނޑުވެރިކަމުންވެސް ފައިދާ ހޯދޭނެކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަވީ އެސްޓީއޯއިން މިސާލަކަށް އިންޑިއާގައި ހަނޑޫ ދަނޑެއް ހެއްދި ނަމަވެސް އުނދަގޫވާނެ ދެއްތޯ ރާއްޖެ ގެންނަން ވެސް. އެހެންނަމަވެސް މިއީ ނުކުރާން ވީކަމެއް ނޫން. ރަނގަޅުކަމެއް ކުރަން. އަޅުގަނޑުމެން މިވަގުތު ބޮޑަށް ބޭނުންވަނީ ރާއްޖޭގައި ހަނޑޫ ހައްދަން. އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ގޮދަން ގަނެގެން ރާއްޖޭގައި ފުށް އުފެއްދުމަށް ވެސް އަދި ފިޔާ ހެއްދުމަށް ވެސް." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ހަނޑޫ ފަދަ ބާވަތްތައް ވެސް ހެއްދި ކަމަށެވެ. އެހެންނަމަވެސް އޭރު މި މަސައްކަތް ކުރި ފަރާތްތަކުން މިކަން ހުއްޓާލީ އެކަށީގެންވާ މަންފާއެއް ނުލިބުމުގެ ސަބަބުންކަމަށް އަމްރު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެސްޓީއޯއިން މިހާރު ހުޅުވަން ނިންމާފައިވާ އެސްޓީއޯ އެގްރި ސެންޓަރ މެދުވެރިކޮށް މި ތަކެތި ވިއްކުމުގެ ފުރުސަތު އެބައޮތްކަމަށް އަމްރު ވިދާޅުވިއެވެ.

މި މަސައްކަތްކުރުމަށް އެސްޓީއޯއިން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާއިރު އެސްޓީއޯއިން ދަނީ ޝިޕިންގލައިން ވިޔަފާރިއަށް ވަނުމަށް ވެސް ތައްޔާރުވަމުންނެވެ. އަމްރު ވިދާޅުވީ އެކުންފުނީގައި ޝިޕިންގްލައިނެއް އޮތުމާއެކު މި މަސައްކަތް ކުރުމަށް އިތުރު ފަސޭހައެއް ލިބޭނެކަމެއްކަމަށެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ދަނީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށް ސަބްސިޑަރީ ކުންފުނިތައް މެދުވެރިކޮށް ހެޔޮ އަގެއްގައި ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

އެގޮތުން މައި ކުންފުނި އެސްޓީއޯއިން ކާޑުގެ ބާވަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދެމުންދާއިރު މަސްކުންފުނި މިފްކޯ، ގޭހުގެ ޚިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ގޭސް އަދި އިންޝުއަރެންސް ފޯރުކޮށްދޭ އެލައިޑް އިންޝުއަރެންސްއިން ދަނީ އާންމުންނަށް ހެޔޮ އަގެއްގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ.