ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ އެމެރިކާއަށް ރަޝިޔާއިން ޞިއްޙީ ފަރުވާދޭ ސާމާނު ފޮނުވައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންވަނީ މިދިޔަ ހޯމަދުވަހު ފޯނުން ވާހަކަދައްވާ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ޙާލަތާމެދު މަޝްވަރާކުރައްވާފައެވެ. އަދި ރައީސް ޕުޓިންވަނީ އެމެރިކާއަށް ވެންޓިލޭޓަރާއި ރައްކާތެރިކަމަށް ބޭނުންކުރާ ހެދުންފަދަ ތަކެތި ދިނުމަށް ހުށަހަޅުއްވާފައެވެ. އާންމުކޮށް އެހެން ޤައުމުތަކަށް އެފަދަ އެހީދޭ އެމެރިކާއިންވަނީ ރަޝިޔާގެ ހުށަހެޅުން ޤަބޫލުކޮށްފައެވެ. އަދި ފޯނުކޯލަށްފަހު ރައީސް ޓްރަމްޕްވަނީ ރަޝިޔާއިން ފޯރުކޮށްދޭން ނިންމާފައިވާ އެހީތެރިކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.
އެއްބަސް ވެވުނުގޮތަށް އެހީތެރިކަމުގެ ސާމާނު ރަޝިޔާގެ މަތިންދާބޯޓެއްގައި މިހާރުވަނީ އެމެރިކާއަށް ގެންގޮސްފައެވެ. އެމެރިކާއަށް ގެންދިޔަ ސާމާނުގެ ތެރޭގަައި 60 ޓަނުގެ ވެންޓިލޭޓަރާއިި މާސްކާއި ރެސްޕިރޭޓަރާއި އެހެނިހަން ޞިއްޙީފަރުވާދޭ ސާމާނު ހިމެނެއެވެ.
އެމެރިކާއަށް ގެންދިޔަ ސާމާނަކީ އެހީއެއްކަމަށް ރަޝިޔާއިން ބުނިނަމަވެސް އެތަކެއްޗަކީ އެމެރިކާއިން ވިޔަފާރި އުސޫލުން ގަނެފައިވާތަކެތިކަމަށް އެމެރިކާގެ ޚާރިޖީ ގުޅުމާއިބެހޭ އިދާރާއިންވަނީ ބުނެފައެވެ. މިވަގުތު ކުރިމަތިވެފައިވާ ޙާލަތަށް އެމެރިކާއަށް އެހެން ޤައުމުތަކުގެ އެހީތެރިކަަން ބޭނުންވާކަމަށް އެއިދާރާގެ ތަރުޖަމާނު މޯގަން އޯޓަގަސްވަނީ ވިދާޅުވެފައެވެ. އެމެރިކާއާއި ރަޝިޔާއަކީ މީގެ ކުރިންވެސް ދަތި ޙާލަތްތަކުގައި އެއްޤައުމު އަނެއްޤައުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ދެޤައުމުކަން ފާހަޤަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ދެޤައުމު އެގޮތުގައި ދެމިތިބޭނެކަމަށެވެ.
އެމެރިކާގައި މިހާތަނަށް 215،000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 5000އަށް އިތުރުވެފައެވެ.